ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް މޮޅެއް


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެފްގައި މެންޗެސްޓަރ ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޔުނައިޓެޑުން ގިނަ އިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ވިޔަރެއާލްއިންނެވެ. މިމެޗް ޔުނައިޓެޑުން ވަރުގަދަކޮށް ފެށި ނަމަވެސް ފުރަތަމަ ހާފްގެ ފުރަތަމަ ދިހަ ވަރަކަށް މިނެޓަށްފަހު މެޗްގެ ކޮންޓްރޯލް ބޮޑަށް އޮތް ތަން ފެނިގެންދިޔައީ ވިޔަރެއާލް އަތުގައެވެ. މިގޮތުން އެޓީމުން ވަނީ ފުރަތަމަ ހާފްގައި ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑެހެއާ ވަނީ ވިޔަރެއާލްގެ އާރނޯޓް ޑެންޖޫމާ އަދި ޕާކޯ އަލްކަސާ އަދި ޔެރެމީ ޕީނޯގެ ހަމަލާތައް ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނަ ހާފްގައި ވަނީ ލަނޑުތަކެއް ފެނިގެން ގޮސްފައެވެ. މިގޮތުން މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ވިޔަރެއާލްއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އަލްކަސާއެވެ. ނަމަވެސް މިލަނޑުޖެހިތާ 7 މިނެޓްފަހުން ޔުނައިޓެޑްގެ އެލެކްސް ޓެލެސް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތިޖާ ހަމަހަމަކޮށްފައެވެ. ޔުނައިޓެޑްގެ ފަރާތުން މާމޮޅު ކުޅުމެއް ފެނިގެން ނުދިޔަ މިމެޗްގައި އެޓީމް މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިއީ މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވިޔަރެއާލް އަތުން ބަލިވި ބަލިވުމަށް ޔުނައިޓެޑަށް ހިފުނު ރަނގަޅު ބަދަލު ހިފުމަކަށް ވީ ނަމަވެސް މިމެޗްގައި އެޓީމަށް މާރަނގަޅު ކުޅުމެއް ދެއްކިފަ ނުވާތީ އަދިވެސް ޔުނައިޓެޑް މުޅިން ފޯމަކަށް ނޭޅޭކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑަށް ކާމިޔާބު ކުރެވުނު ފުރަތަމަ މެޗެވެ. އެހެން ކަމުން ކުޅުނު ދެމެޗުން ލިބިފައިވާ 3 ޕޮއިންޓާއެކު މިވަގުތު އުޅޭނީ ގްރޫޕްގެ ތިން ވަނައިގައެވެ.