ޚަބަރު

ބޯޓުދަތުރުކުރާ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ބިލެއް އެކުލަވާލަނީ


ބޯޓުދަތުރުކުރާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރާ "ސީފެއަރާސް ރައިޓްސް އިންޓަނޭޝަންލް"(އެސްއާރްއައި)އާ ގުޅިގެން ފަށާފަވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 30 ފާހަގަކުރަނީ ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ ދުވަހުގެ ގޮތުގައެވެ.

ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ ދުވަހާ ގުޅިގެން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ނެރުއްވި ޚިތާބުގައި ވިދާޅުވީ، މިއަހަރަކީ ފުރަތަމަފަހަރަށް ރާއްޖޭގެ ފަރާތުން އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަނަށް މަންދޫބެއް ކަނޑައެޅި އަހަރުކަމަށެވެ. މިކަމުން ދޭހަވަގެންދަނީ، ދާއިރާގެ މުހިނންމުކަމާއި ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ރާއްޖެއިން ދެމުންދާ ސަމާލުކަމެވެ.

އަޑިއަޅާލާފައިވާ ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން މުހިންމު ގިނަ މަސައްކަތްތަކެއް ފައްޓަވައިގެން ކުރިއަށްދާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. އެގޮތުން ކަނޑުދަތުރުފަތުރުގެ މިއަހަރުގެ ޝިއާރު "ސީފެއަރާސް: އެޓް ދަ ކޯ އޮފް ޝިޕިންގ ފިއުޗަރ"އާ އެއްގޮތަށް ރާއްޖެއިންވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައެވެ.

އެންމެ މުހިންމުކަމެއްގެ ގޮތުން، ބޯޓުދުރާ މީހުންގެ ޙައްޤުތަށް ޙިމާޔަތްކުރުމުގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިެއެވެ. މިއީ މިދާއިރާގައި މަސައްކަތްކުރާ މީހުންގެ ޙައްގުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި މި ދާއިރާ އަލުން ރާއްޖޭގައި އާރާސްތު ކުރުމަށް ކުރާ މަސައްކަތުއްގެ މުހިންމު ބައެކެވެ.

މިނިސްޓަރ ވިދާޅުވީ މިސިނާޢަތް ކުރިއެރުވުމުގައި އެންމެމުހިންމީ މިކަމުގެ ތަޢުލީމާއި ހުނަރާއި ތަޖުރިބާ ލިބިފަވާ ޤާބިލު މީހުން އުފެއްދުންކަމަށެވެ. މި ދާއިރާއަށް ބޭނުންވާ މީހުން އުފެއްދުމަށް ޤައުމީ ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަވާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. މި އެމްއޯޔޫގެދަށުން ޑެކް އޮފިސަރުންނާއި، އިންޖީން އޮފިސަރުން ތަމްރީންކުރާނެއެވެ.
މިނިސްޓަރ ވިދާޅުވީ މި އެމްއޯޔޫގެ ބޭނުމަކީ ޒުވާނުން މި ދާއިރާއަށް ވަނުމަށް ހިތްވަރުދީ، ދާއިރާގައި ހުރި ފުރުޞަތުތައް ބުނެދިނުންކަމަށެވެ.

ދުނިޔޭގެ މެރިޓައިމް ދުވަހާ ގުޅިގެން ނެރުއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތައް ޓްރެކް ކުރުމުގެ ޚިދުމަތް 24ގަޑިއިރު ލިބޭ، "ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގ"(އެލްއާރުއައިޓީ) އެއްބަސްވުމެއްގައި، އިންޑިއާއެކު ވަނީ ސޮއިކޮށްފައެވެ. މި ސިސްޓަމާއެކު އުޅަނދުތައް ދުއްވަމުންދާ ސަރަޙައްދުތަކާއި ބަނދަރުކުރާ ސަރަޙައްދުތައް އެނގޭނެއެވެ.

މިނިސްޓަރ ވިދާޅުވީ މި ދާއިރާގަ މަސައްކަތްކުރާ މީހުންނަށް ދިމާވާ ހުރަސްތަކާ ގޮންޖެހުންތައް ނައްތާލުމުގަ، ދައިރާގެ ފަރާތްތަކާ މަޝްވަރާކޮށް ސަރުކާރުން ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ދާއިރާގެ ފަރާތްތަކުން މީހުން ބިނާކުރުމާ ދާއިރާ ތަރައްޤީކުރުމަށް ކުރާ މަސައްކަތަށްވެސް އެއްބާރުލުން ލިބޭނެކަމަށެވެ.