ކުޅިވަރު

ޗުންޕު އާއި ނާއިމަށް ފުރުސަތު ގެއްލި ޤައުމީ ޓީމުން ޔާންބެއަށް ފުރުސަތު


އަނިޔާގެ ސަބަބުން އަލީ ހައިޝަމް (ޗުމްޕު) އާއި މުޙައްމަދު ނާއިމަށް ޤައުމީ ޓީމުން ފުރުސަތު ގެއްލި މާޒިޔާ މޫސާ ޔާމީނަށް އަލުން ގައުމީ ޓީމުން ފުރުސަތު ދީފިއެވެ.

މާދަމާ ފަށާ އުރީދޫ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމް ގަތަރު ކުރި ކޭންޕަށްފަހު މާލެ އައިސް މިހާރު ވަނީ 23 ކުޅުންތެރިންގެ ޓީމު އިޢުލާންކޮށްފައެވެ. މިމަހުގެ 11 އިން 26އަށް ގައުމީ ޓީމް ގަތަރުގައި ކޭންޕު ކުރުމަށްފަހު މާލެ އައިސް 24 ކުޅުންތެރިންގެ ޓީމެއް އިޢުލާން ކުރިއެވެ. މިފަހަރުގެ ގައުމި ސްކޮޑުން ޔާމީނަށް ފުރުސަތު ދީފައިވާއިރު، އެންމެ ފަހުން ޔާމީން ގައުމީ ޓީމުގައި ހިމެނިފައިވަނީ 2015ވަނަ އަހަރުގައެވެ. ފައިތުވެގެން ދިޔަ އަހަރުތަކުގައި ޔާންބެވަނީ މާޒިޔާގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ޗުމްޕު އަށް އަނިޔާވެފައިވަނީ މި މަހު 21 ވަނަ ދުވަހު ގަތަރުގެ ލުސައިލް އެފްސީ އަތުން 4-3 އިން މޮޅުވި މެޗުގައެވެ. ނާއިމަށް އަނިޔާވީ ހޮނިހިރު ދުވަހުގެރޭ ގަތަރުގެ އާމީ ނެޝަނަލް ޓީމް އަތުން 1-1 އިން އެއްވަރުވި މެޗުގައެވެ. ނާއިމްގެ ފަޔަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނީ ކުޅެން އެރިތާ މާގިނައިރެއް ނުވެއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނޭޕާލާ ދެކޮޅަށް ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ވާދަކުރާނެއެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާއި ދެކޮޅަށެވެ. މާދަމާ ހަވީރު މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ސްރީ ލަންކާ އާއި ބަންގްލަދޭޝްއެވެ.