ޚަބަރު

3 ރަށެއްގެ އަންހެނުންގެ ކޮމެޓީގެ އިންތިޚާބު އަންނަ މަހު 16ގައި


މިފެށޭ އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހު އިތުރު 3 ދާއިރާއެއްގައި، އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ތައްޔާރުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ބައި އިލެކްޝަން ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކޮމިޝަނުން ވަމުންދާކަމަށެވެ. މިފެށޭ މަހުގެ 16ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނ.ކެނދިކުޅުދުއާއި، ހދ.ނޭކުރެންދުއާއި ރ.މަޑުއްވަރީގައެވެ.

އަންނަ މަހުގެ 16ގެ އިތުރުން އެމަހުގެ 30ވަނަ ދުވަހުވެސް، އިތުރު ބައި އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަނުން ދަނީ ތައްޔާރުވަމުންނެވެ. އެދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ގއ.ވިލިގިނލީގައާއި، ޅ.ކުރެންދޫގައެވެ. ބައިއިލެކްޝަނަށް ހުލުވާލި ދާއިރާތަކުގެ ތެރެއިން ކ.ހުރާ، ނ.މަގޫދޫގައި، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލުމުން އެދެ ދާއިރާގައި އިންތިޚާބަކާ ނުލައި އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން ވަނީ އިންތިޚާބު ވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހި، ކުރިމަތިލާނެ މީހުންގެ ޝައުޤުވެރިކަންވެސް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން ކަނޑައެޅިފައިވާ މުއްދަތުގައި އެއްވެސް ތަރުޙީބެއް ނުުލިބުމުން އަނެއްކާވެސް ހުޅުވާލަން ޖެހުމަކީ ފަސޭހަ ކަމެއްނޫންކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ކައިރި ކައިރީގައި އިންތިޚާބުތައް ބާއްވަން ޖެހުމަކީވެސް ގޮންޖެހުން ބޮޑު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަންހެނުންގެ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް ބޭފުޅުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް އަންނަހަރުން ފެށިގެން ބޮޑު ކުރުމަށް ނިންމާފައެވެ.