ވިޔަފާރި

އޯޓިޒަމް އެސޯސިއޭޝަނަށް އެމްއޭސީއެލްގެ އެހީތެރިކަން!


އޯޓިޒަމް ކުދިންނަށް ކިޔަވައިދޭން ކަނޑައަޅާފައިވާ މަންހަޖައި އުނގެނުމުގައި ޙާސިލްކުރެވޭ މިންވަރު ބެލުމަށް ބޭނުންވާ ތަކެތި ގަތުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓިޑެޓް (އެމްއޭސީއެލް)އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއޭސީއެލްއިން ފޯރުކޮށްދިން މިއެހީތެރިކަމުގެ ދަށުން، އޯޓިޒަމް އެސޯސިއޭޝަންއަށް ހަދިޔާ ކުރަން ހަމަޖެހިފައިވަނީ " ޕްރޮމޯޓިން އެމާޖެންސް އޮފް އެޑްވާންސް ނޮލެޖް" ނުވަތަ ޕީކް ނަމަކަށް ކިޔާ ކަރިކިއުލަމް ޓޫލްއެކެވެ. މިއީ ބަސް އުނގަންނައި ދިނުމަށާއި ވިސްނައިގަތުމަށް އޯޓިޒަމް ނުވަތަ ނިއުރޯޑިވެލޮޕްމެންޓް ޑިލޭ ހުންނަ ކުދީންނަށް މަގުފަހިކޮށްދީ އެހީތެރިވެދޭ ޕްރޮގްރާމެކެވެ. މި މަންހަޖުގެ މައިގަނޑު އަމާޒަކީ މައްސަލަ ޙައްލުކުރުމާއި އުފެއްދުންތެރި ވިސްނުމެވެ. ޕީކްގެ ތެރެއިން 4 ގޮތަކަށް ކުދިންނަށް އުނގަންނައި ދިނުމުގެ ފުރުސަތު ފަހިވެގެން ދެއެވެ.

އެމްއޭސީއެލްގެ އިޖުތިމާޢީ ޒިންމާ ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ މިއެހީތެރިކަމުގެ ދަށުން، މިޓޫލް ގަތުމުގެ އިތުރަށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދެ މުދައްރިސުން މި މަންހަޖަށް ތަމްރީނު ކުރުމަށް ވަނީ ނިންމާފައެވެ.

އެމްއޭސީއެލްގެ ފަރާތުން މިއެހީތެރިކަން އޯޓިޒަމް އެސޯސިއޭޝަނާ ޙަވާލުކޮށްދެއްވީ އެކުންފުނީގެ ޑެޕިއުޓީ ޗީފް އޮފިސަރ އަހުމަދު އިބްރާހީމެވެ. އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ހަވާލުވެވަޑައިގަތީ އެއެސޯސިއޭޝަންގެ ސީއީއޯ ޑރ.އިސްމާޢީލް ޝަފީޤެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، އިޖުތިމާޢީ ޒިންމާގެ ޙަރަކާތްތަކަށް އެކުންފުނިން އިތުރު އަހަމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދާކަމަށާ، އޯޓިޒަމް އެސޯސިއޭޝަނަށް މިދެވުނު އެހީތެރިކަމާއިއެކު، އޯޓިސްޓިކް ކުދިންގެ ކުރިމަަގަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ޤަބޫލްކުރެވޭ ކަމަށެވެ.