ޚަބަރު

ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމު ކިޝީޑާ ކަށަވަރުކުރައްވައިފި


ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމު އެ ޤައުމުގެ ކުރީގެ ޚާރިޖީ ވަޒީރު ފުމިޔޯ ކިޝީޑާ ކަށަވަރުކުރައްވައިފިއެވެ.

ޖަޕާނުގެ ވެރިކަންކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ، އެލްޑީޕީގެ ރައީސްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށް ބޭއްވި އިންތިޚާބުގެ ދެވަނަ ބުރު ކިޝީޑާ ކާމިޔާބުކުރެއްވީ 257 ވޯޓުންނެވެ. އެ ގޮތުން ދެވަނަ ބުރުގައި ކިޝީޑާ ވާދަކުރެއްވީ ޓާރޯ ކޯނޯއާއެވެ. އޭނާއަށް ލިބިވަޑައިގަތީ 170 ވޯޓެވެ. އޭނާއަކީ ޖަޕާނުގެ ޚާރިޖީ ވަޒީރުގެ މަޤާމާއި ދިފާޢީ ވަޒީރުގެ މަޤާމު ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ކޯނޯއަކީ ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑެ ސުގާ ތާޢީދުކުރެއްވި ބޭފުޅާއެވެ.

ނޮވެންބަރު މަހުގެ 28ވަނަ ދުވަހު ޖަޕާނުގައި ބާއްވައި ޢާއްމު އިންތިޚާބުގައި އެލްޑީޕީ ނުކުންނާނީ ޢުމުރުން 64 އަހަރުގެ ކިޝީޑާގެ މޭސްތިރިކަމުގެ ދަށުންނެވެ. އެލްޑީޕީގެ ރައީސްގެ މަޤާމަށް ކިޝީޑާ ވަޑައިގެންނެންވުމުން ފާއިތުވި އެއް އަހަރުދުވަހު ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ސުގާގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމަށް ކިޝީޑާ ވަޑައިގެންނެވި ނަމަވެސް އެ ޤައުމުގެ ސިޔާސަތުތަކަކަށް ބަދަލެއް އަންނާނެކަމަކަށް ނުބެލެވެއެވެ. އެ ގޮތުން ކިޝީޑާވެސް ގެންގުޅުއްވާނީ ހުޅަނގާ ރަޙްމަތްތެރި އަދި ޗައިނާއާ ދެކޮޅު ސިޔާސަތުތަކެކެވެ. އަދި އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޯވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ޖަޕާނުގެ އިޤްތިޞާދަށް ކުރިއެތުންތަކެއް ގެންނެވުމަށެވެ.

1955ވަނަ އަހަރުގެ ތެރޭގައި އުފެއްދި އެލްޑީޕީއަކީ ދިގު ޒަމާންތަކެއް ވަންދެން ޖަޕާނުގައި ވެރިކަންކުރަމުންދާ ޕާޓީއެވެ. ދެ ފަހަރެއްގެމަތިން އެ ޕާޓީއަށް ވެރިކަން ގެއްލިފައިވަނީ ވަރަށް ކުރު މުއްދަތަކަށެވެ. އެހެންކަމުން އެލްޑީޕީގެ ރައީސްގެ މަޤާމަށް ޢައްޔަންކުރާ ބޭފުޅަކީ ޖަޕާނުގެ ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނެ ބޭފުޅާއަށްވަނީ ވެފައެވެ.