ޚަބަރު

ޖޫނިއާ ކޮލެޖްގެ މަސައްކަތްތައް 2023އަށް ނިމޭނެ: މިނިސްޓަރ


ޖޫނިއާ ކޮލެޖްތަކުގެ މަސައްކަތް 2023 އަށް ނިމޭނެކަމަށާއި މަސައްކަތް ފެށުން ލަސްވަނީ، މުޅި ޕްރޮޖެކްޓްގެ މަސައްކަތް އެއް ބަޔަކަށް ދޭން މަސައްކަތްކުރާތީކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަން ވިދާޅުވެއްޖެއެވެ.

ޖޫނިއާ ކޮލެޖަކީ ސްކޫލް ނިންމާ ދަރިވަރުންނަށް، ފައުންޑޭޝަން ލެވަލްގެ ކޯސްތައް ހިންގުމަށް ހަދާ ކޮލެޖްތަކެކެވެ.

ޖޫނިއާ ކޮލެޖް ތަރައްޤީކުރުމަށް ނިންމާފައިވަނީ ހއ.ދިއްދުއާއި ނ.ކެނދިކުޅުދޫގައެވެ. ނަމަވެސް ކޮލެޖްތަކުގެ މަސައްކަތް ފެށުން ލަސްވަމުންދާތީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ވަނީ، ރައްޔިތުންގެ މަޖިލީހުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަންއާ ސުވާލުކުރައްވާފައެވެ. އަދި 2019 އަދި 2000 ވަނަ އަހަރުގެ ބަޖެޓުގައިވެސް މަސައްކަތް ހިމެނި، ޢަމަލީ މަސައްކަތް ނުފެށިވަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.

ޖޫނިއާ ކޮލެޖްތަކުގެ މަސައްކަތްތައް ލަސްވަމުންދިއުމާއި ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަން ވިދާޅުވީ މި މަޝްރޫޢުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެގޮތުން މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާކަމަށާއި އަދި ފައިނަލް ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތްތަކާއި މުޅި ޕްރޮޖެކްޓައް ޚަރަދުވާނެ ވަރުގެ އަގުތައް ފައިނަލްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން އިސްކަންދެނީ މަސައްކަތްތައް ވަކިވަކިން ހަވާލުކުރުމުގެ ބަދަލުގައި މުޅި ޕްރޮޖެކްޓް ބަޔަކާއި ހަވާލުކޮށް، އެކުއެކީގައި ނިންމުމަށްކަމަށެވެ.

"ކޮލެޖް ތަރައްޤީކުރަނީ އެތަނުގައި ދަނާލެއްވެސް ހިމެނޭގޮތަށް. މި މަސައްކަތް ވަކިވަކިން ބަޔަކާ ހަވާލުކުރުމުގެ ބަދަލުގައި މުޅި ޕްރޮޖެކްޓް އެއް ބަޔަކަށްދީ ހިންގުން ބޭނުމަކީ. އެގޮތަށް ގެންދިއުމަށް މި ވަގުތު ނަގަނީ. ކޮންޓްރެކްޓަރ ހަމަޖެހިއްޖެނަމަ މިއަހަރުގެތެރޭގަވެސް މަސައްކަތް ފެށޭނެ. 2023ގަ ކިޔަވައިދޭ ފެށޭވަރަށް ތަން ނިމޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

ދިއްދޫގައި ޖޫނިއާ ކޮލެޖް އެޅުމުގެ މަސައްކަތަށް 2019 ވަނަ އަހަރު 1.6 މިލިއަން ރުފިޔާ އަދި 2020 ވަނަ އަހަރުގެ ބަޖެޓުގަ 3ލައްކަ ރުފިޔާ ކަނޑައެޅިއެވެ. މި ބަޖެޓުގެ ތެރެއިން ޑިޒައިންގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

ޖޫނިއަރ ކޮލެޖުގެ މަސައްކަތަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމަށް މުޅިން އަލަށް ތަޢާރަފްވާ މޮޑެލްއެކެވެ. މި މޮޑެލްގެ ކޮލެޖުތައް ޚާއްސަކުރާނީ އޯލެވެލް ނިންމާފައި ނުކުންނަ އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ދަރިވަރުންނަށް ފައުންޑޭޝަން ލެވަލްތަކުގެ ކޯސްތައް ކުރިއަށްގެންދިއުމަށެވެ. މި ކޮލެޖްތަކުގައި ހިންގާނީ 2 އަހަރުގެ މުއްދަތުން ހިންގާ ކޯސްތަކާއި ތަމްރީންތަކެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީގެ ވިސްނުމަކީ އެކި ކޮލެޖްތައް ވަކި ޚާއްސަ ދާއިރާތަކުން ތަރައްޤީކުރުންކަމަށެވެ.

މިމަރުކަޒުތައް ޤާއިމްކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމާއި، މަތީ ތައުލީމާއި ތަމްރީނުގައި ހަރަކާތްތެރިވާން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް އެފުރުސަތު ފަހިކޮށްދިނުމެވެ. އަދި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ވާދަވެރިކަން އިތުރުކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމެވެ.