ޚަބަރު

އޮޅުވާލައިގެން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 5 މިލިއަން ރުފިޔާ!


ކޯވިޑާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކުރި މީހުންނަށް ދޫކުރި އިންކަމް ސަޕޯޓް އެލަވެންސް ހޯދުމަށް، ސައްޙަ ނޫން ލިޔެކިޔުންތައް ހުށައަޅައިގެން ފަސް މިލިއަނެއްހާ ރުފިޔާ ހޯދާފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް އެލަވެންސް ޕްރޮޖެކްޓްގެ އޮޑިޓް ރިޕޯޓުންނެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އޮޅުވާލައިގެން އިންކަމް ސަޕޯޓްގެ ގޮތުގައި ހޯދި ފައިސާގެ ޢަދަދު 4.97 މިލިއަން ރުފިޔާއަށް އަރައެވެ. އެފައިސާގެ ތެރެއިން އަނބުރާ ހޯދާފައިވަނީ 213،884 ރުފިޔާކަމަށެވެ. އަދި 4.76 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ޑިސެމްބަރާއި ހަމައަށް ހޯދިފައިނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓް ރިޕޯޓްގައިވާގޮތުން އޮޅުވާލައިގެން ހޯދާފައިވާ އެލަވެންސް ވީހާވެސް އަވަހަށް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، އަދި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސްއެކެވެ. މި އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރއަށެވެ.

އޮޅުވާލައިގެން އިންކަމް އެލަވެންސް ހޯދާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން ކުރިން ހެދި ރިވިއު ރިޕޯޓުންވެސް އޮޅުވާލައިގެން އިންކަމް ސަޕޯޓް އެލަވެންސް ބައެއް ފަރާތްތަކުން ހޯދާފައިވާކަން ހާމަވުމާއި ގުޅިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ހާމަކުރައްވާފައިވެއެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. އެގޮތުން ތިން ފިޔަވައްސަކަށް ބަހާލައިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދީފައެވެ.

އިންކަމް ސަޕޯޓް އެލަވަންސަށް އެންމެ ގިނަ އަދަދަކަށް އެދިފައިވަނީ 21 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނަށެވެ. އެގޮތުން 7400އަށްވުރެ ގިނަ މީހުންނަކީ މި އުމުރު ފުރައިގެ މީހުންނެވެ. އަދި އެލަވަންސް ލިބިފައިވާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންކަމަށްވެސް ޖޮބް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.