ޚަބަރު

ވެމްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދަޢުވާކުރަން ޕީޖީއަށް ފޮނުވައިފި


ވެމްކޯގެ ޕްރޮކިއުމަންޓް އުޞޫލާ ޚިލާފަށް "ވެށިފާރަ" ސޮފްޓްވެއަރ ޑިވެލޮޕްކުރި މައްސަލައިގައި އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝިފާޢުގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ ވެމްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދަޢުވާކުރަން ފޮނުވީ އެކުންފުނީގައި ބޭނުންކުރަމުންދާ "ވެށިފާރަ" ސޮފްޓްވެއަރއަކީ އިޢުލާނު ކުރުމެއް ކުރީގެ މެނޭޖިންގ ޑިރެކްޓަރ ބޭނުންވާ ލޯކަލް ސޮފްޓްވެއަރ ޑިވެލޮޕަރަކާ ޙަވާލުކޮށްގެން 1,000,000‎‏ (އެއްމިލިއަން ރުފިޔާ) އަށް ޑިވެލޮޕްކޮށްފައިވާ ސޮފްޓްވެއަރއެއް ކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމުމަށްފަހުއެވެ.

މި މައްސަލާގައި، މުޙައްމަދު ޝިފާޢުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

ވެމްކޯއަށް ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމް (ވެށިފާރަ ސޮފްޓްވެއަރ) ހޯދުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އިޢުލާން ނުކޮށް، އިމަޖެންސީ މަސައްކަތެއްގެ ގޮތުގައި ނޮނި ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ވެށިފާރަ ސޮފްޓްވެއަރ ހެދުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރިއިރު، އެކަމުގެ ހުރިހާ ކަމެއް ދިޔައީ މުޙައްމަދު ޝިފާޢުގެ ބެލުމުގެ ދަށުންކަމަށްވާއިރު، މިކަން ހަވާލުކުރި ނޮނި ސޮލިއުޝަންގެ އޯނަރާއި މުޙައްމަދު ޝިފާޢު އާ ގާތް ގުޅުން އޮންނަކަން ތަޙްޤީޤަށް އެނގިފައިވާކަން އޭސީސީން ފާހަގަކުރިއެވެ.

ވެމްކޯގެ އިމަޖެންސީ ރިކުއެސްޓްތަކަށް ކޯޓޭޝަން ހޯދަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން ކަމަށްވީނަމަވެސް، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރީ ޕްރޮކިއުމެންޓް ޕޮލިސީއާ ޚިލާފަށްކަމަށާއި، އެކަމަށް ފޮނުވި ރިކުއެސްޓްތައް ލޮޖިސްޓިކްސް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓާއި، ކުންފުނީގެ ބޯޑަށް ހުށަހަޅާފައިނުވާކަމަށް އޭސީސީން ބުނެއެވެ.

ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް 2017 ވަނަ އަހަރުގެ ޖޫން މަހު ނޮނި ސޮލިއުޝަންއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހުން، ވެމްކޯގެ ޕްރޮކިއުމަންޓް އުޞޫލާ ޚިލާފަށް، އިޢުލާނުކުރުމެއް ނެތި އެކުންފުނިން ވެމްކޯއަށް މުދާ ނުވަތަ ޚިދުމަތް ހޯދާފައިވާކަން ތަހުޤީގަށް ފާހަގަވެފައިވާކަމަށް އޭސީސީން ބުންޏެވެ.

އަދި ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕް ކުރުމަށް ވެމްކޯއިން ނޮނި ސޮލިއުޝަނާއި ހަވާލުކުރުމާއި ހަމައިން ފެށިގެން އެކުންފުނީގެ އޯނަރުގެ އެކައުންޓުން މުޙައްމަދު ޝިފާޢުގެ އެކަންޓަށް އެކި ދުވަސްމަތިން ފައިސާ ޓްރާންސްފަރ ކޮށްފައިވާކަންވެސް ވަނީ ތަޙްޤީޤަށް ހާމަވެފައެވެ.