ޚަބަރު

އިތުރު 95 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 95 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޢަދަދު 84500 އިން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައިވެސް ގިނައީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 24 ގަޑިއިރުތެރޭގައި 95 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 32 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުންވެސް ޕޮޒިޓިވްވި 61 މީހުންނެވެ. އަދި ރިސޯޓްތަކުން 2 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 84،579އަށް އަރާފައެވެ.

ކޯވިޑް-19އަށް މިވަގުތު ފަރުވާ ހޯދަމުންދާ 1566 މީހުންގެ ތެރެއިން 19 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 93 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 82769އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ 4403 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 231 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.