ހެއްކާބެހޭ ބިލުގައި ހިމެނޭ ނޫސްވެރިން ހޯދާ މަޢުލޫމާތުގެ މަސްދަރު ހާމަކުރުމާ ބެހޭ މާއްދާ، މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މުރާޖަޢާކުރައްވަން މަސައްކަތްކުރައްވާނެކަމަށް ބަންޑާރަ ނާއިބު ވިދާޅުވެއްޖެއެވެ.
ހެއްކާބެހޭ ބިލުގައި ހިމެނޭ ނޫސްވެރިކަމުގެ އިމްތިޔާޒުގެ އުސޫލުގެ ސަބަބުން ނޫސްވެރިންނާއި ޢާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާއާ އެނޫންވެސް މަންސަތަކުގައި ހިއްސާކޮށް އެކަމާއި ދެކޮޅަށް ޝުޢޫރުފާޅުކޮށްފައެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި، މަޞްދަރު ހާމަކުރުމަށް ލާޒިމުކުރެވޭ އުސޫލެއް ކަނޑައަޅާފައިވަނީ، ޤާނޫނުތަކުގައިވާ ގޮތުގެ މަތީން، މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި އެފަދަ މިނިވަންކަން ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ މިންވަރަށް ރިޢާޔަތްކުރުމަށްފަހުގައިކަމަށެވެ. އެހެންނަމަވެސް، ހެއްކާބެހޭ ބިލުގައި ހިމެނޭ އެ އުސޫލުގެ ސަބަބުން ނޫސްވެރިންނާއި ޢާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ގެނައުުމުގެ ގޮތުން އެ ބިލުގެ ކަމާބެހޭ މާއްދާތައް މުރާޖަޢާކޮށް، އެ ބިލަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް، ބިލުގެ ކޮމިޓީ މަރުޙަލާގައި ކުރިއަށްގެންދާވާނެކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.
151 މާއްދާގެ މައްޗަށް އެކުލަވާލާފައިވާ ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާގައި ނޫސްވެރިއަކަށް ވަކި މައުލޫމާތެއް ދިން މީހަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިނީ ކާކުކަން ޝަރީއަތަށް ހާމަކުރަން އެ ނޫސްވެރިޔާ ނުވަތަ ނޫހުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
އެހެން ނަމަވެސް މިމާއްދާއަށް އިތުރުކުރި އަކުރެއްގައިވަނީ އެ މާއްދާގައި އެހެން ބުނެފައިވީނަމަވެސް މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އެ އަކުރުގެފަހަތުގައިވާ ކަންކަމަށްވުރެ ބޮޑުކަމަށް ޝަރީއަތަށް ބުރަވެވިއްޖެނަމަ ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެކަމަށެވެ.
މިކަމާއި ގުޅިގެން ނޫސްވެރިންނާއި ނޫސްވެރިންނާއި ގުޅުންހުރި ޖަމިއްޔާތަކުގެ އިތުރުން މިނިވަންކަމާއި އިންސާފަށް ގޮވާލާ ބައެއް އަމިއްލަ ކަމިއްޔާތަކުންވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ބަދަލުކުރުމަށް ގޮވާލާފައެވެ.