ޚަބަރު

ރޯގާއާއެކު އިންފްލުއެންޒާވެސް އިތުރުވަނީ


އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ އިތުރަށް އިންފްލުއެންޒާވެސް ފެތުރެމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މި މަހުގެ ތެރޭގައި މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން 3720 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ މަހާ އަޅާބަލާއިރު 60 އިންސައްތަ އިތުރުވުމެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިދުވަސްވަރު އަރިދަފުސް ރޯގާގެ އިތުރަށް އިންފުލުއެންޒާވެސް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ އެޗްޕީއެއިން ވިދާޅުވީ މި މަހުގެ ތެރޭގައި އިންފްލުއެންޒާއަށް 209 ސާމްޕަލްއެއް ޓެސްޓުކުރިކަމަށެވެ. އަދި އޭގެތެރެއިން 68 ސާމްޕަލް އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން މި ބަލިން ރައްކާތެރިވާން ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

  • - އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ހުރި ނަމަ އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުން
  • - އަރިދަފުސް ރޯގާގެ އަލާމާތެއް ހުރި ނަމަ ވީހާ ވެސް އަވަހަކަށް ކޮވިޑަށް ޓެސްޓުކުރުން
  • - އާއްމު ތަންތަނުގައި އަބަދު ވެސް މާސްކު އެޅުމުގެ ގައިޑްލައިންގައިވާ ގޮތަށް ރަނގަޅަށް މާސްކު އަޅައިގެން އުޅުން.
  • - ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ހާއްސަކޮށް ކުޑަކުދިންނާ ބަލި މީހުން ކައިރިއަށް ނުދިއުން.
  • - ކޯވިޑްއަށް ނެގެޓިވްވިނަމަވެސް ރޯގާގެ އެއްވެސް އަލާމަާތްތަކެއް ހުރިނަމަ އޮފިށް އަދި ސްކޫލްތަކަށް ނުދިއުން.
  • - ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހުން އިންފުލުއެންޒާ ވެކްސިން ޖެހުން އަދި ކޯވިޑް ވެކްސިން ޖެހުން.
  • ބަލިވެގެން ޑޮކްޓަރަށް ދައްކާނަމަ ބަލިމީހާއެކު ވީހާވެސް މަދުބަޔަކު ދިއުން.

އެޗްޕީއޭއިން ވަނީ ކޯވިޑްއާ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފުލުއެންޒާއަކީވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލަިތަކަށްވުމުން ކޯވިޑްއިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަައް ކުރިއަށްގެންދިޔުމަށް އިލްތިމާސްކުރައްވާފައެވެ.