ޚަބަރު

އުރުދުންނާއި ސޫރިޔާ ގުޅުވައިދޭ މައިމަގު ހުޅުވައިފި


އުރުދުންނާއި ސޫރިޔާ ގުޅުވައިދޭ މައިމަގުކަމަށްވާ ޖާބިރު ބޯޑަރ ކުރޮސިން ޢާއްމުންނަށް ހުޅުވާލައިފިއެވެ. އެ މަގު ހުޅުވުމަށް އުރުދުނުން އެއްބަސްވެފައިވަނީ އެ ޤައުމުގެ ވެރިރަށް ޢައްމާނުގައި ސޫރިޔާގެ މަތީފަންތީގެ ވަފުދަކާއެކު ކުރި މަޝްވަރާތަކަކަށްފަހުއެވެ.

2018ވަނަ އަހަރުގެ ތެރޭގައި ސުރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުން ޖާބިރު ބޯޑަރ ކުރޮސިން މިނިވަންކުރި ނަމަވެސް އެ ސަރަޙައްދުގައި ކާމިޔާބުކަމާއެކު އިޤްތިޞާދީ ޙަރަކާތްތަކެއް ހިންގިފައެއް ނުވެއެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ކުރިން އެ ސަރަޙައްދުގައި އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެއެވެ. އަދި ކޯވިޑް-19ގެ ސަބަބުން އެ ސަރަޙައްދުގެ ވިޔަފާރިއަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

އުރުދުނުން ބުނެފައިވަނީ އެ ސަރަޙައްދު ޢާއްމުންނަށް ހުޅުވާލުމުން އެ ޤައުމާއި ސޫރިޔާއާއި ޢިރާޤާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންތަކަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށެވެ. އަދި ސޫރިޔާއާއި ޢިރާޤުގެ މުދާ އުރުދުންގެ މަގުން ވިލާތުގެ ޤައުމުތަކަށް ފޮނުވުމަށްވެސް ފަސޭހަވާނެކަމަށް އެ ޤައުމުން ބުނެފައިވެއެވެ.

ޖާބިރު ބޯޑަރ ކުރޮސިން ޢާއްމުންނަށް ހުޅުވާލުމުގެ ކުރިން ވިޔަފާރީގެ މުޢާމަލާތްތަކަށް ސޫރިޔާއާ ބޭނުންކުރަނީ އެ ޤައުމާއި ލުބުނާނާ ގުޅުވައިދޭ މައިމަގުކަމަށްވާ ޤާއިމު ކުރޮންސިންނެވެ. 2019ވަނަ އަހަރުން ފެށިގެން އެ ސަރަޙައްދުގައި ވިޔަފާރީގެ ޙަރަކާތްތައް ދަނީ ކުރަމުންނެވެ.