ޚަބަރު

ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވަނީ، ރައްކާތެރި ވަމާ!


މި އަހަރުގެ މިހާތަނަށް އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން 7000 އަށްވުރެ ގިނަ މީހުން އީސީޖީ ހަދާފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހެވެ. މިއަހަރުގެ ޝިއާރަކީ "ޔޫޒް ހާޓް ޓު ކަނެކްޓް"އެވެ.

ހިތަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ މުހިއްމު އެއް ގުނަވަނެވެ. ހިތް އުފެދި ބަނޑުގައި އަށަގަންނަ ތުއްތު ދަރިފުޅުގެ ހިތުގައި ވިންދު ޖަހަން ފަށަނީ ބަލިވެއިންތާ 5ވަނަ ހަފްތާގެ ތެރޭގައެވެ. އަދި ފުރަތަމަ ފެށިގެން އަންނައިރު ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހިތުގެ ވިންދު ޖެހުން ހުންނަނީ މައިމީހާގެ ހިތުގެ ވިންދު ޖެހުމާ ދާދި އެއްވަރައެއްގައެވެ. އަދި ބޮޑުވުމަށްފަހު އިންސާނާގެ ހިތުން މިނިޓަކު ގާތްގަނޑަކަށް 72 ފަހަރު ވިންދު ޖަހައެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ކޯވިޑް-19 ގެ ދަތި ހާލަތުގައި ރައްޔިތުން ގުޅުވާ ދިނީ އިންޓަނެޓްގެ ޒަރިއްޔާއިން ކަމުގައި ވުމުން، މިއަހަރުގެ ޝިއާރުން ދޭން ބޭނުންވާ މެސެޖަކީ އިންޓަނެޓުގެ ޒަރިއްޔާއިން މީހުން ގުޅުވާލަދީފައިވާކަން ކަމަށެވެ. އަދި ހަމައެއާއެކު ހިތުގެ ބަލިތަކާއި ހިތާގުޅޭ މައުލޫމާތު މީހުންނަށް ފޯރުކޮށްދޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އައިޖީއެމްއެޗުން ވަނީ 2016ވަނަ އަހަރު އެ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްސަކޮށް ނޭޝަނަލް ކާޑިއެކް ސެންޓަރު (އެންސީސީ) ހުޅުވާފައެވެ. އަދި އެސެންޓަރުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް، ސަރަޙައްދީ ފެންވަރުގެ ފަރުވާ ދެމުންދާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އައިޖީއެމްއެޗުން ވިދާޅުވީ އެންސީސީ ހުޅުވިފަހުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރައިގެންދާ މީހުންގެ ޢަދަދު ދަށްވެފައިވާކަމަށެވެ.

އެންސީސީން ދެމުންގެންދާ ޚިދުމަތް ތަކުގެ ތެރޭގައި ޓްރެޑްމިލް ޓެސްޓް (ޓީއެމްޓީ) ހެދުމާއި، އީސީޖީ ހެދުން އަދި އަލްޓްރާސޮނިކް ސައުންޑް ވޭވްސްގެ ޒަރިއްޔާއިން ހިތުގެ ހިނގުމާއި މަސައްކަތް ކުރާ ގޮތް ބެލުމަށްޓަކައި ހަދާ ޓްރާންސްއީސޮފޭގަލް އީކޯ ކާޑިއޮގްރާމް (ޓީއީއީ) ހެދުމާއި ހިތާ ކައިރީގައިވާ ލޭހޮޅިތައް ހިނގަމުންދާ ގޮތް ބެލުމަށް ހަދާ އީކޯކާޑިއޯގްރާމް ޓެސްޓު ހެދުން ހިމެނެއެވެ.

މިގޮތުން މި އަހަރުގެ މިހާތަނަށް 7082 މީހަކު އެންސީސީން އީސީޖީ ވަނީ ހަދާފައެވެ. އަދި 124 މީހަކު ޓީއެމްޓީ ހަދާފައިވާ އިރު 5 މީހަކު ޓީއީއީ ޓެސްޓް ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެ އިތުރުން 1689 މީހަކު އިކޯކާޑިއޮގްރާމް ޓެސްޓް ހަދާފައިވާ އިރު ޖުމްލަ 3384 ބަލި މީހުންނަށް އެންސީސީން ފަރުވާ ދީފައިވާކަން އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރާއިރު ހިތާ ބެހޭ ގިނަ މަޢުލޫމާތުތައް ދެނެގަނެ އެނގުމަކީ މުހިއްމު ކަމެކެވެ. ގިނަ ޢަދަދެއްގެ ބަޔަކު ހިތުގެ ތަފާތު އެކި ބަލިތަކުގައި މަރުވަމުންދާއިރު ދުޅަހެޔޮ ހިތެއް އަދި ހިތުގެ ބަލިތަކުން ހިތް ރައްކާތެރި ކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ.