ވިޔަފާރި

"އީޖާދީ މަންސަ"އިން އެއްވަނައަށް ދިޔަ ވިޔަފާރިތަކަށް ހިޔާ ފްލެޓުގެ ޔުނިޓެއް އަހަރުދުވަހަށް ހިލޭ!


"އީޖާދީ މަންސަ" މުބާރާތުން އެއްވަނައަށް ދިޔަ ވިޔަފާރިތަކަށް ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯއިން ޔުނިޓެއް ހިލޭ ދީފިއެވެ.

ގޭގައިކުރާ (ހޯމް-ބޭސްޑް) ވިޔަފާރިތަކަށް އަދި އޮންލައިން ވިޔަފާރިތަކަށާއި، މުޅިން އަލަށް ވިޔަފާރިއެއް ފެށުމަށް ޝައުޤުވެރިވާ ފަރާތްތަކަށްވެސް ހުޅުވާލެވިގެން، "އީޖާދީ މަންސަ"ގެ ނަމުގައި ހިންގުނު މި މުބާރާތުގައި 36 ފަރާތަކުން ބައިވެރިވި ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ހުޅުމާލޭގައި ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ނަމުގައި އެޗްޑީސީގެ ފަރާތުން އިންތިޒާމުކޮށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ވަނަތަކަށް ހޮވުނު ފަރާތްތަކަށް ހޯމަ ދުވަހު ވަނީ ސެޓިފިކެޓް ޙަވާލުކޮށްފައެވެ.

މިރަސްމީއްޔާތު ބާއްވާފައިވަނީ އެ ކޯޕަރޭޝަނުގެ އެގްޒިބިޝަން ސެންޓަރުގައެވެ. ވަނަތަކަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރެއްވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފެވެ. މުބާރާތުގެ ވަނަތަށް ހޮވާފައިވާ ކާބޯތަކެތި، ފަންނު، ދުޅަހެޔޮ، ވައްޓަފާޅި އަދި ޚިދުމަތް މިދާއިރާތަކުންނެވެ. އެގޮތުން 36 ފަރާތުގެ މެދުގެ މާކްސްދީ މި ފަސް ކެޓަގަރީން އެއް ވަނަ ދެވަނައަށް ދިޔަ 9 ފަރާތެއް ހޮވާފައިވާކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނައަށް ދާ ފަރާތަކަށް ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯއިން 550 އަކަ ފޫޓުގެ ޔުނިޓެއް 1 އަހަރު ދުވަހުގެ މުއްދަތައް ވިޔަފާރި ހިނގުމަށް ހިލޭ ދެވޭނެއެވެ. ދެވަނައަށް ދާ ފަރާތަށް 6 މަސް ދުވަހުގެ މުއްދަތަށް ހިލޭ ދެވޭނެއެވެ.