ޚަބަރު

ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށް ޕޯޓަލްއެއް


ޒަކާތުގެ ކަންކަން ހަރުދަނާކޮށް ޢާންމުންނަށް ވީހާވެސް ފަސޭހަގޮތެއްގައި ޒަކާތާގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޒަކާތު ޕޯޓަލް އެއް ޤާއިމްކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. ޕޯޓަލްއެއް ޤާއިމްކުރުމަށް ނިންމާފައިވާއިރު އިސްލާމިކް މިނިސްޓްރީން މިހާރުވަނީ މި ޕޯޓަލް ތައްޔާރުކުރަނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޒަކާތު ޕޯޓަލްއެއް ތައްޔާރުކުރަން ނިންމާފައިވަނީ ޒަކާތުގެ މަސައްކަތް ހަރުދަނާކޮށް ދުވަހުންދުވަހަށް ދެވޭ ޚިދުމަތް ފަސޭހަކަމާއެކު ޢާންމުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް މަސައްކަތް ހަރުދަނާކޮށް ބެލެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ. މިނިސްޓްރީން ވިދާޅުވީ ޒަކާތް ބަލައިގަނެ މުޅި ރާއްޖޭގައި ފަޤީރުންގެ ދަފުތަރެއް އެކުލަވާލައި ފިޠުރު ޒަކާތާއި މުދަލު ޒަކާތް ބެހުމުގެ ކަންކަން ހަރުދަނާކުރުމަކީވެސް މި ޕޯޓަލް އެކުލަވާލުމުގެ މަގުޞަދެކެވެ. އަދި ޒަކާތުގެ ޙައްޤުވެރިންގެ ތެރެއިން އެހީއަށް އެދޭ ފަރާތްތަކަށް އެހީއަށްއެދި ހުށަހަޅާ މައްސަލަތަކާއި ގުޅުން ހުރި އިދާރީ މަސައްކަތް މިހާރު ކުރަމުންދަނީ މެނުއަލްކޮށް ކަމުން، އެ މަސައްކަތް ކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް ޢާންމު ފަރާތްތަކަށް ދެވޭ ޚިދުމަތް އަަވަސްކޮށް އެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރުވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޕޯޓަލް ތައްޔާރުކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި އަންދާސީހިސާބު ހުށައެޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 5ވަނަ ދުވަހުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި އެންމެ ކުރީއްސުރެ ޒަކާތްދައްކަމުން އަންނަނީ އެރަށެއްގައި ހުންނަ ރަށު އޮފީސް ނުވަތަ، ކައުންސިލްގެ އިދާރާއަކަށެވެ. މާލޭގައި ނަމަ އިސްލާމިކް މިނިސްޓްރީއަށެވެ. އެހެންނަމަވެސް ޒަމާނަށް އަންނަ ބަދަލުތަކާއެކު ޒަކާތްދެއްކުމުގެ ގޮތަށްވެސްވަނީ ބަދަލުތަކެއް އައިސްފައެވެ. މިގޮތުން ރާއްޖޭގައި މުއާސަލާތީ ޚިދުމަތްފޯރުކޮށްދޭ ދެ ކުންފުނި މެދުވެރިކޮށްވެސް ޒަކާތްދެއްކޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. މިއަށްވެސް އިތުރު ކުރިއެރުމެއް އައިސްފައިވަނީ ކޯވިޑް 19އާ ގުޅިގެން މާލެ ފުރަބަންދުކުރި ހިސާބުންނެވެ. މިގޮތުން ފިޠުރުޒަކާތް ދެއްކުމަށްޓަކައި އުރީދޫއާއި ދިރާގުގެ އިތުރަށް ބޭންކްއޮފް މޯލްޑިވްސް އަދި އިސްލާމިކް ބޭންކު މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

ޒަކާތް ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަފައިވާއިރު މިދިޔަ 2 އހަރުގައިވެސް ޒަކަތުގެ ފައިސާ ޙައްޤުވާ ފަރާތްތަކަށް ވަނީ ބޭންކް އެކައުންޓް މެދުވެރިކޮށް ޖަމާކޮށްދީފައެވެ. މިދިޔަ އަހަރު ޒަކާތުގެ ފައިސާގެ ގޮތުގައި ލިބުނު 6.7 މިލިއަނުން ފަގީރުންގެ ދަފްތަރުގައި ހިމެނުނު މީހުންނަށް ބަހާފައިވަނީ 6،274،800 (ހަމިލިއަން ދެލައްކަ ހަތްދިހަ ހަތަރުހާސް އަށްސަތޭކަ ރުފިޔާ)އެވެ.

ކޮންމެ އަހަރަކުވެސް ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އޭގެ ޙައްގުވެރިންނަށް ބެހުމަށްފަހު ވަކި ވަރެއް އަންނަނީ ޒަކާތުފަންޑަށްވެސް ޖަމަކުރަމުންނެވެ. ޒަކާތު ފަންޑަށް ޖަމާ ކުރާ ފައިސާއިން މިސްކިތްތަކަށް ބޭނުންވާ މަސައްކަތްތައް ކުރުމާއި ކިޔަވައިދިނުމަށާއި ސިއްހީ ކަންކަމަށް ހޭދަކުރެއެވެ. މިގޮތުން މިދިޔައަހަރުގައިވެސް ވަނީ މިފަދަ އެތަކެއްކަމަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައެވެ.