މުނިފޫހިފިލުވުން

"ޚަތުރޯން ކޭ ކިލާޅީ 11" އަކީ އަރުޖުން


މިދިޔަ ޖުލައި މަހުން ފެށިގެން ދައްކަމުން އައި ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަން އަރްޖުން ބިޖްލާނީ ކާމިޔާބުކޮށްފިއެވެ.

ކަލާޒް ޓީވީގެ ސްޓަންޓް ރިއަލިޓީ ޝޯ އެއް ކަމަށްވާ "ހަތުރޯން ކޭ ކިލާޅީ" އަރްޖުން ކާމިޔާބު ކުރީ ޝޯގެ އިތުރު ދެ ބައިވެރިންކަމަށްވާ ވިޝާލް އަދިތުޔާ ސިންގާއި ދިވްޔަންކާ ތުރިޕާޓީ އާއި ވާދަކޮށްގެންނެވެ.

އަރުޖުން ޝޯ ކާމިޔާބުކޮށްފައިވާއިރު ޝޯ ގެ ހޯސްޓް ރޯހިތް ޝެޓީވެސް ވަނީ އަރުޖުންއަށް ވަރަށް ބޮޑަށް ތަޢުރީފްކޮށްފައެވެ. އަރުޖުން އަށް ޝޯ ކާމިޔާބު ކުރެވުނީ ކަލަރސްގެ ސީރީޒްތަކުގައި އޭނާ މަސައްކަތްކުރާތީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ އަރުޖުން އަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔަމުންނެވެ.

އަރުޖުން ޝޯ ކާމިޔާބު ކުރިއިރު މި ޝޯ ގެ ދެވަނަ ހޯދާފައި ވަނީ ދިވްޔަންކާ އެވެ. ރޭސް ކާމިޔާބު ކުރުމުގައި ދިވްޔަންކާއާއި އަރްޖުން އާއި ދެމެދުގައި ހުރީ އެންމެ 20 ސިކުންތުގެ ތަފާތެކެވެ.

ޝޯގެ އެންމެ ފަހު ސްޓަންޓްގެ މެދުތެރެއިން ވިޝާލް ސްޓަންޓް އެބޯޓްކުރުމާއިއެކު ތަށީގެ ރޭހުން އޭނާ ބޭރުވާންޖެހުނެވެ. މިފަހަރުގެ ޝޯ ގައި ދެން ބައިވެރިވީ ވަރުން ސޫދާއި ޝްވޭތާ ތިވާރީގެ އިތުރުން ރާހުލް ވެއިދިޔާއެވެ. މި ތިން ބައިވެރިންވެސް ވަނީ ފައިނަލްގެ ފުރަތަމަ ބުރުން ކަޓާފަ އެވެ.

މި ފަހަރުގެ ޝޯގައި އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ކާރެކެވެ. ޝޯގެ ޝޫޓްކޮށްފައިވަނީ އިންޑިއާގެ އިތުރުން ސައުތު އެފްރިކާގެ ކޭޕްޓައުންގައެވެ.