ޚަބަރު

އުލިގަމުގައި ކަސްޓަމްސްގެ އިމާރާތެއް އެޅުމަށް ބިންގާ އަޅައިފި


ހއ އުލިގަމުގައި އިމާރާތްކުރާ، ކަސްޓަމްސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އުލިގަމުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ. މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ އިސްމާޢީލް ޢަބްދުﷲ އަދި އުލިގަމުގެ ކައުންސިލްގެ މުވައްޒަފުންނާއި، ކުޅުދުއްފުށި އަދި ހަނިމާދޫ ކައުންސިލްގެ މެމްބަރުންވެސް ބައިވެރިވަޑައިގެނެނެވިއެވެ.

މި އިމާރާތް އުލިގަމުގައި، އިމާރާތްކުރުމުގެ ބޭނުމަކީ އުލިގަމަކީ ވަރަށް ގިނަ ޔޮޓްފަހަރު މަޑުކޮށްލާ ރަށަކަށް ވުމާއެކު، މިފަދަ އުޅަނދު ފަހަރަށް ކަސްޓަމްސްގެ ފަރާތުން ދެމުންގެންދާ ހިދުމަތަށް ދިވާމެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމާއި މަސައްކަތް ކުރުމަށް ރަނގަޅު މާޙައުލެއް ޤާއިމް ކުރުންކަމަށް ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ. ރާއްޖެއަށް އަންނަ ޔޮޓްފަހަރާއި ޓޫރިސްޓް އުޅަނދު ފަހަރަށް  ކުލިޔަރެންސް ދިނުމާއި އެފަދަ އުޅަނދު ފަހަރުގައި ގެންނަ މުދަލުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތަށް މި އިމާރާތުގެ ސަބަބުން އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށްވެސް ކަސްޓަމްސް އިން ވަނީ ވިދާޅުވެއެވެ.

ޕްރޮޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި އިމާރާތުގެ މަސައްކަތަށް 3.2 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން މައުލޫމާތުދެއްވައެވެ. މި އިމާރާތުގެ މަސައްކަތް ޕްރޮޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ.

މި ޕްރޮޖެކްޓަކީ 2015 ވަނައަހަރު ގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ހިންގާ ޕްރޮޖެކްޓެއްކަމަށް ކަސްޓަމްސް ސާރވިސް އިން މައުލޫމާތުދެއްވައެވެ. މިޕްރޮޖެކްޓުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.