އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތް ބަލައިނުގަނެވުނު ނަމަވެސް އެ ޤައުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު ލުއިޖީ ދި މާޔޯ ވިދާޅުވެއްޖެއެވެ.
އިޓަލީވިލާތުގެ ދަޢުލަތުގެ ޓީވީއާ ވާހަކަދައްކަވަމުން ދި މާޔޯ ވިދާޅުވީ އަފްޣާނިސްތާނުގެ އިޤްތިޞާދު ފުނޑުފުނޑުވެ މާލީގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓުމުގެ ކުރިން ބޭރުގެ ޤައުމުތަކުގެ ސަރުކާރުތަކުން ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. އެ ގޮތުން އެފަދަ ޙާލަތަކަށް އަފްޣާނިސްތާން ގޮސްފިނަމަ އެ ޤައުމު ދޫކޮށްދާ މީހުންގެ ޢަދަދު އިތުރުވެ ބޮޑު އިންސާނީ ކާރިޘާއެއް އުފެދޭނެކަމުގެ އިންޒާރު ދި މާޔޯވަނީ ދެއްވައިފައެވެ. އަދި އެފަދަ ޙާލަތަކަށް އަފްޣާނިސްތާން ގޮސްފިނަމަ އޭގެ އަސަރު އެ ޤައުމުގެ އަވަށްޓެރި ޤައުމުތަކަށް ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޠާލިބާނުންގެ ވެރިކަން ބަލައިނުގަނެވޭނެކަމަށް ވިދާޅުވަމުން ދި މާޔޯވަނީ އެ ކަމުގެ ސަބަބުތައްވެސް ވިދާޅުވެފައެވެ. އެ ގޮތުން އަފްޣާނިސްތާނުގައި ޤާއިމުކޮށްފައިވާ ސަރުކާރުގައި ޠާލިބާނުންގެ އެންމެ ނުރައްކާތެރި 17 މުޖުރިމުން ތިބިކަމަށާއި އަންހެނުންނާއި އަންހެންކުދިންގެ ޙައްޤުތަކަށް އެ ޖަމާޢަތުން އެއްވެސް އަޅާލުމެއް ނުދޭކަމަށް ދި މާޔޯ ވިދާޅުވިއެވެ. ނަމަވެސް ޠާލިބާނުންނަށް މާލީ އެހީތެރިކަން ބޭނުންނުކުރެވޭގޮތަށް އަފްޣާނިސްތާނަށް ބޭނުންވާ ފައިސާ ފޯރުކޮށްދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަފްޣާނިސްތާނުގެ މާލީ ޙާލަތާ ގުޅޭގޮތުން އިޓަލީވިލާތުން އެ މޭރުމުން ވާހަކަދައްކާފައިވަނީ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ 20 ޤައުމުގެ ބައްދަލުވުމެއް އެ ޤައުމުގެ ރިޔާސަތުގައި ބާއްވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.