ދުނިޔެ

ކޮޕް 21 ސަމިޓް: ތާރީޚީ އެއްބަސްވުމާ ގާތަށް!


 195 އަށް ވުރެ ގިނަ ގައުމު ތަމްސީލުކުރާ މޫސުމާ ބެހޭ އދގެ ސަމިޓް ކޮޕް 21 ގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަޝްވަރާތައް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ގޮތުން، މުޅި ރޭ އެއްކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޚަބަރު ލިބެއެވެ.މިމަޝްވަރާތަކުން އެއްބަސްވުމެއް މިހާރު ޤާއިމުކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު، މިއަދުގެ ވަގުތެއްގައި މި އެއްބަސްވުމުގެ ފުރިހަމަ ދެލިކޮޕީއެއް ސަމިޓްގެ ބައިވެރިންނަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ. ސަމިޓްގެ ރިޔާސަތު ބަލަހައްޓަވާ ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ލޯޣޯން ފެބިއުސް ވިދާޅުވީ، ބައިނަލްއަޤްވާމީ ހުރިހާ ފަރާތަކުން ވެސް ޤަބޫލުކުރާ ފަދަ ފުޅާ އަދި ޤާނޫނީ ގޮތުން ޢަމަލުކުރުން ލާޒިމްކުރާ އެއްބަސްވުމެއް ޤާއިމުކުރުމަށް ހުރިހާ ޝަރުތެއް ހަމަވެފައިވާ ކަމަށާ މިފަދަ ފުރުޞަތެއް ދެން ނުލިބޭނެ ކަމަށެވެ. އަދި މިކަމުގައި ކޮންމެ ގައުމަކުން ވެސް ޒިންމާތަކެއް ނަގާ ޤުރުބާނީތަކެއް ނަގަންޖެހޭ ކަން ފަރަންސޭސި ޚާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.ކޮޕް-21 ސަމިޓް އިންތިޒާމު ކުރި ފަރާތްތަކުން ބުނެފައިވަނީ މޫސުމާ ބެހޭ މިފަދަ ބޮޑު ސަމިޓަކަށް ބަލާއިރު މިސަމިޓަށް ސަރުކާރުތަކުގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާ މަޝްވަރާތަކުގައި ބިނާކުރަނިވި ވާހަކަތަކެއް ކުރިއަށްގޮސްފައިވާ ކަމަށެވެ. އަދި މޫސުމާ ބެހޭ އެއްބަސްވުމެއް ޤާއިމުކުރުމަށް ހުރިހާ ފަރާތަކުން ވެސް އެކަށީގެންވާ މަސައްކަތްތަކެއްކޮށްފައިވާ ކަމަށާ މިކަމުގައި ހުރިހާ ޤައުމެއްގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. މޫސުމާ ބެހޭ މި އެއްބަސްވުމަކީ ކުރު މުއްދަތެއްގެ ތެރޭގައި މި ރޮނގުން ގިނަ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް އަމާޒުކުރާނެ އެއްބަސްވުމަކަށްވާނެ ކަމަށް ތިމާވެއްޓާ ބެހޭ ތަޖުރިބާކާރުން ބުނެއެވެ.ޕެރިހުގައި މިހާރު ކުރިޔަށްދާ ކޮޕްގެ އެކާވީސް ވަނަ ބައްދަލުވުމާއި ދިމާކޮށްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ މި ބައްދަލުވުމުގެ ތެރެއިން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެފަދަ އުއްމީދީ އެއްބަސްވުމެއް އެކުލަވާލުމަށް ގޮވާލާ އަޑުއުފުލަމުންނެވެ. މިގޮތުން މިއަހަރުގެ ބައްދަލުވުމާ ދިމާކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ހިނގާލުންތަކާއި މުޒާހަރާތަކުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމުތަކުގެ ވެރިންގެ ފެންވަރުގައި ތިމާވެއްޓަށްދޭ އަހައްމިއްޔަތު ބޮޑުކޮށް، މިބައްދަލުވުމުގައި އެކުލަވާލެވޭ އެއްބަސްވުމަކީ ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބާރުއެޅޭފަދަ އެއްބަސްވުމަކަށް ހެދުން ކަމަށް މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކުރެއެވެ.