ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން މިހާލަތުގައިވެސް ކުރިއަށް؛ އެހެން ޤައުމުތަކަށް މިސާލެއް!


ކޯވިޑާއެކު އެންމެ ބޮޑު އަސަރެއްކޮށްފައި ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. ޤައުމުތަކުގެ ފުރަބަންދުގެ މުއްދަތާއި ދަތުރުފަތުރުކުރުމަށް ހުރި ހުރަސްތަކާއެކު ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައެވެ.

މި ހާލަތުގައި ރާއްޖެ ފަދަ ކުޑަ ޤައުމަކުންވަނީ ދުނިޔެއަށް މިސާލު ދައްކާ، މިފަދަ ހާލަތެއްގައިވެސް ފަތުރުވެރިކަން ކުރިއެރުވިދާނެކަން ދުނިޔެއަށް ދައްކައިދީފައެވެ.

1972 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ފެށިފަހުން ދުވަހަކުވެސް މި ސިނާއަތް ދަށަށް ނުދާ މިންވަރަށް ކޯވިޑް19 ގެ ސަބަބުން ވަނީ ގެއްލުމާއި ކުރިމަތިލާންޖެހިފައެވެ. ރާއްޖޭގެ ބޯޑަރު އެއްކޮށް ބަންދުކޮށް ފަތުރުވެރިންނަށް ޙިދުމަތްދެމުންދިޔަ ހުރިހާ ރިސޯޓްތަކެއް ވަނީ ބަންދުކޮށްފައެވެ. ކޯވިޑް-19 ފެތުރުން ރާއްޖޭގައި ހުއްޓުވުމުގެ ގޮތުން ބޯޑަރު ބަންދުކޮށްފައިވަނީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.

110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލީ ވަކި ޙާއްސަ ގައިޑްލައިންއަކާއި އެކުގައެވެ. މި ގައިޑްލައިނަށް ފުރިހަމައަށް އަމަލްކޮށް ރާއްޖެ ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްފައެވެ.

ރާއްޖެއަށް އޮތް ޑިމާންޑު އިތުރުވެ، ރާއްޖެއަށް ދަތުރުތައް ބާއްވާ އެއަރލައިންތަކުގެ އަދަދުވަނީ 33 އަށް އަރާފައެވެ. މި ދަތުރުތަކާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 843552 ފަތުރުވެރިން އައިސްފައެވެ. މިއީ 2020ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 111 އިންސައްތަ އިތުރު އަދަދެކެވެ. މަހުން މަހަށް ބަލާއިރު، މިދިޔަ އޮގަސްޓްމަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑްގެ ކުރިން 2019ވަނަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް އައިސްފައިވަނީ 139338 ފަތުރުވެރިންނެވެ. މިއަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް އައިސްފައިވަނީ 143599 ފަތުރުވެރިންނެވެ. މިއީ 3 އިންސައްތަ އިތުރު އަދަދެކެވެ.

އަދި މިމަހުގެ މިހާތަނަށް ރާއްޖެއަށް 87586 ފަތުރުވެރިން އައިސްފައިވާއިރު، މިއީ 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 85382 ފަތުރުވެރިންނާއި އަޅާ ބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރުން ވަނީ މިއަހަރު ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައެވެ. އެގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 3981 ފަތުރުވެރިން އަންނަ އިރު، މިއަދަދުގައި ހިފަހައްޓާލެވިއްޖެނަމަ އަހަރުގެ ނިމޭއިރު ރާއްޖެއަށް 1.2 ފަތުރުވެރިން އަންނާނެ ކަަމަށް ލަފާކުރެއެވެ. މިއަދަދު ވެގެންދާނީ ކޯވިޑްގެ މި ދަތި ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއަކަށެވެ.