މުނިފޫހިފިލުވުން

ޔާޝް ރާޖްގެ ކުރިއަށް ހުރި ފިލްމުތަކަށް ތާރީހުތަކެއް

އަންނަ މަހު 22 ގައި އިންޑިއާގެ ސިނަމާތައް ހުޅުވާލާނެ އިޢުލާނުކުރުމާއިއެކު ޔާޝް ރާޖް ފިލްމްސްއިން މި ވަނީ އެމީހުންގެ ކުރިއަށް ހުރި ފިލްމުތައް ސިނަމާތަކުގައި ރިލީޒްކުރާނެ ތާރީޚްތައް އިޢުލާންކޮށްފައެވެ.

އަލަށް ނެރުނު ތާރީހުތަކާއި އެކު އެންމެ ކުރީގައި މި އޮތީ ފެމިލީ އެންޓަރޓެއިންމަންޓަކަށް ކަމުދާ ފިލްމު "ބަންޓީ އޯރް ބަބްލީ" އެވެ. މި ފިލްމު ދުނިޔޭގެ އެކިކަންކޮޅުގައި އެއް ފަހަރާ ރިލީޒްކުރާނީ އަންނަ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ.

ސައިފް ޢަލީޚާން، ރާނީ މުކަރްޖީ ސިދާތް ޗަތުރުވެދީ އަދި ޝަރުވަރީ މި ފިލްމުން ފެނިގެންދާއިރު ސިދާތް އަދި ޝަރުވަރީ ބަންޓީ އަދި ބަބްލީގެ ގޮތުގައި މުޅިން އަލަށް ތައާރަފްވެގެންދާނެއެވެ.

ޔާޝް ރާޖްގެ ބްލޮކް ބާސްޓަރ ދެ ފިލްމުކަމަށްވާ "ސުލްތާން" އަދި "ޓައިގަރ ޒިންދާހޭ" ގެ އެސިސްޓެންޓް ޑައިރެކްޓަރ ވަރުން ޝަރުމާ ޑައިރެކްޓްކުރާ މި ފިލްމުގެ އޮރިޖިނަލް ބަންޓީ އަދި ބަބްލީގެ ގޮތުގައި އަދިވެސް ފެންނާނީ ސައިފް އާއި ރާނީއެވެ.

ބިރުކުޑަކަމާއި ހިތްވަރުގަދަކަމަށް މަޝްހޫރު ރަސްގެފާނު ޕްރިތްވީ ޗޯހާންގެ މައްޗަށް އުފައްދާ ތާރިޚީ ފިލްމު "ޕްރިތްވީރާޖް" ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހާއި ދިމާކޮށް އަންނަ އަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހުއެވެ.

ލެޖެންޑްރީ ރަސްގެފާނު ޕްރިތްވީ ޗޯހާންގެ ރޯލުން އަކްޝޭ ކުމާރު ފެންނައިރު ރީތީގެ ރާނީ މަނޫޝީ ޗިއްލަރު ހިންދީ ސިނަމާއަށް ތަޢާރަފްވެގެންދާނީވެސް މި ފިލްމުންނެވެ. މި ދެތަރިންގެ އިތުރުން ސަންޖޭ ދަތާއި ސޯނޫ ސޫދްވެސް މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

ދިވްޔަންގް ޓައްކަރުގެ ފުރަތަމަ ޑައިރެކްޝަން "ޖައޭޝްބާއީ ޖޯރްދާރް" އަންނަ އަހަރުގެ ފެބްރުއަރ 25 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ ލީޑްރޯލުން ފެންނާނީ ސުޕަރސްޓާރ ރަންވީރް ސިންގްއެވެ.
އާއިލާއާއިއެކު ބަލާލަން ރަގަޅު މަޖާ މި ފިލްމުގައި ރަންވީރު ފެންނާނީ އިންޑިއާގެ ގުޖުރާތް މީހެއްގެ ގޮތުގައެވެ. ރަންވީރުއާއިއެކު ދެން ފިލްމުން ފެންނާނީ ހިންދީ ސިނަމާއަށް އަލަށް ތަޢާރަފްވާ ޝާލިނީ ޕާންޑޭއެވެ.

މީގެއިތުރުން އަންނަ އަހަރު މާޗް 18 ވަނަ ދުވަހު ޔާޝް ރާޖުން ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމަކީ ރަންބީރު ކަޕޫރުގެ "ޝަމްޝޭރާ" އެވެ. ރަންބީރާއިއެކު "ބެލްބޮޓަމް" ގެ ތަރި ވާނީ ކަޕޫރުވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ރަންވީރު އަދި ނުފެންނަ ކަހަލަ ރޯލަކުން ފެނިގެންދާ މި ފިލްމު ޑައިރެކްޓްކުރަނީ ކަރަން މަލޯތްރާއެވެ.