ޚަބަރު

އެމްޑީޕީގެ ޤައުމީ މަޖިލީހަށް އިންތިޚާބުވި މެންބަރުންނަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ


ވެރިކަންކުރާ މައި ޕާޓީ، އެމްޑިޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި މެންބަރުންނަށް ތަހުނިޔާއާއި މަރުޙަބާ ދަންނަވާފައެވެ. އަދި އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެނޑިޑޭޓުންނާއި ވޯޓުލުމުގައި ބައިވެރިވި ޕާޓީގެ މެންބަރުންނަށް އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މީހަކު ވަނީ އިންތިހާބު ވެފައެވެ. ޤައުމީ މަޖިލީހަށް އިންތިޚާބަށް ހޮވުނު މީހުންގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި މަތީ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައް ހިމެނެއެވެ.

އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މިބޭފުޅުން ހޮވިފައިވަނީ ކުރިމަތިލާންޖެހޭ އަދަދަށްވުރެ އިތުރަށް މެމްބަރުން ކުރިމަތި ނުލުމުންނެވެ.