ޚަބަރު

ސަމާލުވޭ! އަޑިއަށް ދިޔަ ސާފާރީގައި ހުރި މުދާ އޮޔާދަނީ


ސަފާރިއެއް އަޑިއަށްދިޔަ ހާދިސާއަށްފަހު އޭގައިހުރި ބައެއް ތަކެތި އޮޔާ ދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައިފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު 8:39 ހާއިރު ކ.ތިލަފުށި ހުޅަނގުދެކުނުން 4 ނޯޓިކަލް މޭލުން ސަފާރީއެއް ވަނީ އަޑިއަށް ގޮސްފައެވެ. އޭގައި ހުރި ބައެއް ތަކެތި އެ ސަރަޙައްދުން އިރަށް، އޮޔާދާތީ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްސަކޮށް ރޭގަނޑު އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

17 މީހުންނާއެކު ދަތުރުކުރަމުންދިޔަ "ހޭންޑީ ކުރޫޒަރ" ނަމަކަށް ކިޔާ ސަފާރީ އަޑިއަށް ދިޔަ ހާދިސާގައި އެކަކު ނިޔާވެ 6 މީހަކަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިސަފަރީގައި ދަތުރުކުރީ އޭގެ ފަޅުވެރިންގެ އިތުރުން ދަތުރުދިޔަ އެއް އޮފީހަކަށް ނިސްބަތްވާ ބައެކެވެ. އޭގެތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. މިޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ކޯސްގާޑުން ވަގުތުން އެސަރަޙައްދަށް ދިޔަކަމަށާ، އެހެންކަމަށް އޭރު އޮތީ ސަފާރީގެ ފޫގޮސް ފެތިފައިކަމަށްވެސް މަޢުލޫމާތު ލިބެއެވެ.