ޚަބަރު

ޔަހޫދީންގެ ޙަމަލާތަކެއްގައި ފަލަސްޠީނުގެ ރައްޔިތުންތަކެއް ޝަހީދުވެއްޖެ


ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޙަމަލާތަކެއްގައި މަދުވެގެން ހަތަރު މީހުން ޝަހީދުވެއްޖެއެވެ.

އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަފްތާލީ ބެނެޓު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޔަހޫދީންނާ ދެކޮޅަށް ޙަމަލާދިނުމަށް މަސައްކަތްކުރާ ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހުޅަނގު އައްސޭރިގައި އަސްކަރީ ޙަރަކާތްތަކެއް ފަށައިފައިވާކަމަށެވެ، ނަމަވެސް ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން ފަށައިފައިވާ އަސްކަރީ ޙަރަކާތުގެ ތަފްޞީލެއް އޭނާ ނުދެއްވައެވެ.

ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިންވަނީ އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކުގައި މަދުވެގެން ހަތަރު މީހުން ޝަހީދުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އިތުރު ބަޔަކު ޝަހީދުވެފައިވާކަމަށް ދެކެވޭ ވާހަކަތައް ކަށަވަރުކުރަމުންދާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުން މަސައްކަތްކުރަނީ ހުޅަނގު އައްސޭރީގައި ޙަރަކާތްތެރިވާ ޙަމާސްގެ ހަނގުރާމަވެރިން ހައްޔަރުކުރުމަށެވެ. ޙަމާސްގެ ހަނގުރާމަވެރިންވަނީ ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކާ ދެކޮޅަށް ބަޑީގެ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކަށް ނިޞްބަތްވާ ސިފައިންވަނީ ޒަޚަމުވެފައެވެ.

ޙަމާސަކީ ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޖަމާޢަތެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި ހުޅަނގު އައްސޭރީގައި އެ ޖަމާޢަތަށް އޮންނަ ތާޢީދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގޮތުން ފަލަސްޠީނުގެ ޒުވާނުންގެ މެދުގައި ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަތަޙަ ޖަމާޢަތަށްވުރެ ޙަމާސަށް އޮންނަ ތާޢީދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއާއެކު އިސްރާއީލާއި ހުޅަނގުގެ ތާޢީދު އޮންނަ ފަތަޙަ ޖަމާޢަތުން ޙަމާސާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައްވަނީ އިތުރުވެފައެވެ.