ޚަބަރު

"ޤައިދީންނާއި ބަންދު މީހުންގެ ސިއްޙީ ހައްޤުތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދޭންޖެހޭ"


ޤައިދީންނާއި ބަންދު މީހުންގެ ސިއްޙީ ހައްޤުތައް މިހާރަށްވުރެ އެކަށީގެންވާގޮތެއްގައި ފޯރުކޮށްދޭންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދު ވިދާޅުވެއްޖެއެވެ.

ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ ސިއްޙީ ހައްޤުތަކާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ކުރިއަށް ގެންދާ ސިމްޕޯޒިއަމް ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ އެޗްއާރުސީްއެމްގެ ރިޕޯޓްތައް ދިރާސާކުރާއިރު ފާހަގަކުރެވޭ އެންމެބޮޑު މައްސަލައަކީ ގައިދީންނާއި ބަންދު މީހުންގެ ސިއްހީ ހައްގުތައް އެކަށީގެންވާގޮތެއްގައި ނުލިބުމުގެ މައްސަލައާއި ފަސޭހަކަމާއެކު އެމީހުންނަށް ދުޅަހެޔޮ ސިއްހީ މާހާއުލެއް ގާއިމުކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ކަމަށެވެ.

މަސްތުވާތަކެތީގެ ވާބާގައި ޖެހިފައިވާ މީހުންގެ ޢަދަދު ބަންދު މަރުކަޒުތަކުގައި އެހައި ގިނަނަމަވެސް މިފަދަ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށްޓަކައި ބަންދު މަރުކަޒުތައް އަދި ތައްޔާރެއްނޫން ކަމަށް ޖީހާން ވިދާޅުވިއެވެ. މިގޮތުން ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައިވެސް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގިފައެއްނުވާކަން ފާހަގަކުރައްވައި، ޖަލު އޮފިސަރުންންގެ ބޭސިކް ޓްރެއިނިންގް ތެރެއަށް ސައިކޮލަޖީއާބެހޭ ބައެއް އިތުރުކުރުން މުހިންމުކަމެއްކަމަށް ޖީހާން ވިދާޅުވިއެވެ.

މިސިމްޕޯޒިއަމްގައި މިނިސްޓްރީ އޮފް ހޯމްއެފެއަރޒާއި ދިވެހި ފުލުހުންގެ ޚިދުމަތުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ އިތުރުން ތިބާ ސައިކޮލޮޖީން ބައިވެރިވެފައިވެއެވެ.

ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން، ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާއެކު މި ސިމްޕޯޒިއަމްގައި މަޝްވަރާކުރާނެކަމަށް އެޗްއާރުސީއެމްއިން ވަނީ ވިދާޅުވެފައެވެ.

ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުރުމަށް އެންމެ އެކަށީގެންވާ ނިޒާމަކަށް ވާސިލުވުމަށްޓަކައި، މިހާރު ޢަމަލުކުރަމުންދާ ނިޒާމްގައި ހުރި ފަރަގު ދެނެގަނެ، މިފަރަގުތައް ނައްތާލައި މިނިޒާމު ހަރުދަނާ ކުރުމަށްޓަކައި މި ސިމްޕޯޒިއަމްގެތެރެއިން އޮނިގަނޑެއް އެކުލަވާލުމަށް ވަނީ ހަމެޖެހިފައެވެ.