ކުޅިވަރު

ރެއާލް މެޑްރިޑް އެއްވަރުވިއިރު އެތުލެޓިކޯ ބަލިވެއްޖެ

ސްޕެނިޝް ލަލީގާގައި ރެއާލްމެޑްރިޑާ ވިޔަރެއާލް ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ. މެޗުގައި ލަނޑެއް ޖަހަން މެޑްރިޑަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކަރިމް ބެންޒީމާ އާއި އިސްކޯއާ ދެކުޅުންތެރިންނަށެވެ. މި ދެހަމަލާވެސް ވިޔަރެއާލްގެ ކީޕަރު ގެރަނިމޯ ރުލީ ވަނީ ދިފާއުކޮށްފައެވެ.

މުޅި މެޗުގައި ވެސް މެޑްރިޑުން ވަނީ ވިޔަރެއާލްގެ ގޯލާ އަމާޒުކޮށް 8 ހަމަލާ ފޮނުވާލާފައެވެ. މެޗުގައި ވިޔަރެއާލްއަށް އެންމެ ހުސްފުރުސަތެއް ލިބުނީ އާނައުޓް ޑެންޖޫމާއަށެވެ. ދެ ފަހަރެއްގެ މަތިން ފޮނުވާލި ހަމަލާ މެޑްރިޑް ކީޕަރު ޓީބާއޯ ކޯޓުއަރ ވަނީ ދިފާއުކޮށްފައެވެ. މިމެޗާ ހަމަޔަށް މެޑްރިޑުން ވަނީ ލީގުގެ ފުރަތަމަ ހަމެޗުގައި މިފަހަރު 21 ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ދެވަނަ ފަހަރަށް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވި އެންޗެލޯޓީއަށް ލަލީގާގެ މެޗެއްގައި ލަނޑެއް ކާމިޔާބުނުވެވި ނިންމާލި ފުރަތަމަ ފަހަރެވެ.

ރޭގަ ހޯދި ޕޮއިންޓާއެކު މެޑްރިޑް އެއްވަނައިގައި އޮތީ 17 ޕޮއިންޓާއެކުގައެވެ. ވިޔަރެއާލް އޮތީ 8 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ. ރޭގައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ވަނީ އަލަވޭސް އަތުން ބަލިވެފައެވެ. ރަށުން ބޭރުގައި އެތުލެޓިކޯ ބަލިވީ 1-0 ލަނޑުންނެވެ. އެތުލެޓިކޯ މެޑްރިޑު ބަލިވުމުން އެޓީމުވަނީ ތާވަލު ތިންވަނައަށް ވެއްޓިފައެވެ.