ކުޅިވަރު

ބްރެންޓްފޯޑް އިން ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި

އިނގިރޭސި ލީގުގައި މި ސީޒަނުގައި އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑުން ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. ބްރެންޓްފޯޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 3-3 ލަނޑުން އެއްވަރުވެގެންނެވެ.

މެޗުގައި ލިވަޕޫލްގެ މައްޗަށް ދެފަހަރު ބްރެންޓްފޯޑް އިން ކުރި ހޯދިއިރު ބްރެންޓްފޯޑަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އީތަން ޕިނޮކް، ވިޓަލީ ޖަނަލެޓްގެ އިތުރުން ޔޮއާނޭ ވިއްސާއެވެ. މެޗުގައި ލިވަޕޫލްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޑިއޮގޯ ޖޮޓާ، މުހަންމަދު ސަލާހުގެ އިތުރުން ކޫޓިސް ޖޯންސްއެވެ. ސަލާހް ޖެހި ލަނޑާއެކު އޭނާ ވަނީ ލީގުގައި ލިވަޕޫލަށް 100 ލަނޑު ޖަހައިދީފައެވެ. މިމެޗުން އެއްވަރުވުމާއެކު ލިވަޕޫލަށް ލީގުގެ ކުރީގައިވާ ޓީމުތަކާ ތިން ޕޮއިންޓް ފެއަށް ޖެހުލަމަށް ލިބުނު ފުރުސަތު އެޓީމުން ވަނީ ނަގާލާފައެވެ. މެޗުން އެއްވަރުވުމުން ލިވަޕޫލް އެއްވަނައިގައި އޮތީ އެއްޕޮއިންޓުގެ ލީޑަކާއެކުގައެވެ.

ލީގުގައި މިރޭ ކްރިސްޓަލް ޕެލޭސް އަތުން ބްރައިޓަން މޮޅުވެއްޖެ ނަމަ ލިގުގެ އެއްވަނައަށް އެޓީމު އަރާނެއެވެ. ބްރެންޓްފޯޑް ލިވަޕޫލް އަތުން ހޯދި ޕޮއިންޓާއެކު އޮތީ ތާވަލުގެ ނުވަވަނައިގައެވެ. ލީގުގައި އިއްޔެ ކުޅުނު މެޗުތަކުގެ ތެރެއިން ޗެލްސީ ސިޓީއަތުން ބަލިވެ ވަނީ ތިންވަނައަށް ވެއްޓިފައެވެ. މެންޗެސްޓަރ ސިޓީ އަތުން ޗެލްސީ ބަލިވީ 1-0 ލަނޑުންނެވެ. އިއްޔެ ހޯދި މޮޅާއެކު ސިޓީ ވަނީ ލީގުގެ ދެވަނައަށް ކުރިޔަށްޖެހިލާފައެވެ. މި ދެޓީމަށް ވެސް ވަނީ 13 ޕޮއިންޓް ލިބިފައެވެ. މެންޗެސްޓަރ ޔުނައިޓެޑު އިއްޔެ ބަލިވުމުން އެޓީމުވެސް އޮތީ 13 ޕޮއިންޓުގައެވެ. ލީގުގެ ހަތުރަވަނައިގަ އޮތް ޔުނައިޓެޑް ބަލިވީ އެސްޓަން ވިލާ އަތުން 1-0 ލަނޑުންނެވެ. އިއްޔެ އަމިއްލަ ދަނޑުގައި ކުޅެ އެވަޓަން ވަނީ 13 ޕޮއިންޓް ހޯދައިގެން ލީގުގެ ފަސްވަނައަށް ކުރިޔަށް ޖެހިލާފައެވެ. އަމިއްލަ ދަނޑުގައި ކުޅެ އެވަޓަން މޮޅުވީ ނޯވިޗް އަތުން 2-0 ލަނޑުންނެވެ.