ދުނިޔޭގެ ވިޔަފާރި

ޑިޖިޓަލް ފައިސާ ބޭނުންކުރުން ޤާނޫނާއި ޚިލާފުކަމަށް ޗައިނާއިން ކަނޑައަޅައިފި

ޗައިނާގައި ޑިޖިޓަލް ފައިސާ ބޭނުންކޮށްގެން ހިންގާ ހުރިހާ މުޢާމަލާތްތަކަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ޗައިނާގެ މަރުކަޒީ ބޭންކުން ކަނޑައަޅައިފިއެވެ. މިނިންމުން ނިންމާފައިވަނީ ޑިޖިޓަލް ފައިސާ ބޭނުންކުރުމުގެ ސަބަބުން މީހުންގެ މުދާ ނުރައްކާތެރިކަމަށް ހުށަހެޅޭތީކަމަށްވެސް ބޭންކުން ބުނެއެވެ.

ޗައިނާއަކީ ޑިޖިޓަލް ފައިސާ ބޭނުންކުރާ އެންމެ ބޮޑު މާކެޓެއްއޮތް ޤައުމު ކަމުގައިވީނަމަވެސް އެ ޤައުމުގައި ޑިޖިޓަލް ފައިސާ ބޭނުންކުރުން 2019ވަނަ އަހަރުން ފެށިގެން ވަނީ ރަސްމީކޮށް މަނާކޮށްފައެވެ. ނަމަވެސް އޮންލައިންކޮށް ބޭރު ފައިސާ ގަނެއްވިއްކުން މަނާކޮށްފައެއްނުވެއެވެ.

މީގެއިތުރުން ބިޓްކޮއިން އަދި ޑިޖިޓަލްކޮށް ބޭނުންކުރާ އެހެނިހެން ފައިސާ ބޭނުންކުރާނަމަ އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނޯންނާނެކަމަށްވެސް ޗައިނާ ސަރުކާރުގެ އިދާރާތަކުން މީގެކުރިން މެއިމަހު ވަނީ އިންޒާރުވެސް ދީފައެވެ.

އަދި މި ފަދަ މުއާމަލާތްތައް ހިންގުމުގައި އެހީތެރިނުވުމަށް ބޭންކުތަކަށާއި އެހެނިހެން ފައިސާގެ މުއާމަލާތްތައް ހިންގާ ޕްލެޓްފޯމްތަކަށް ޖޫން މަހު އިދާރާތަކުންވަނީ އަންގާފައެވެ. ނަމަވެސް މިކަން މަނާކޮށް ހުކުރު ދުވަހު މަރުކަޒީ ބޭންކުން ޢާންމުކޮށްފައިވާ ބަޔާނުގައވާ މި އެންގުމަކީ ޑިޖިޓަލް ފައިސާ ބޭނުންކުރުން މަނާކޮށް އަންގާފައިވާ އެންމެ ސާފު އެންގުމެވެ. އަދި މި އެންގުމުން މިފަދަ ޢަމަލެއް މިގޮތަށް ކުރާނަމަ އެއީ ޤާނޫނީގޮތުން މަނާކަމެއް ކަމަށާއި އެކަމަށް އަދަބު ލިބޭނެކަންވެސް ސާފުކޮށް އެގެން އޮވެއެވެ.

އަދި ބޭރުގެ ވެބްސައިޓްތަކުން ޗައިނާގެ ރައްޔިތަކަށް މި ފަދަ މުޢާމާލާތެއް ހިންގުމަށް މަގުފަހިކޮށްދިނުމަކީވެސް މަނާކަމެއްކަމަށް މި ބަޔާނުގައި ބުނެއެވެ.