ވިޔަފާރި

އެކްސްޕޯ 2020ގައި ރާއްޖޭގެ އިންވެސްޓްމަންޓް 3 ފޯރަމެއް!


އެކްސްޕޯ 2020ގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމަށް 3 އިންވެސްޓްމަންޓް ފޯރަމް ބާއްވަން ނިންމައިފިއެވެ.

އެކްސްޕޯ 2020 އޮންނާނީ އަންނަ މަހުގެ 1ވަނަ ދުވަހު ދުބާއީގައެވެ. މި އެކްސްޕޯ 6 މަސްދުވަހުގެ މުއްދަތަކަށް ދުބާއީގައި ކުރިއަށްދާނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮންސަލްޓަންޓް ޓްރޭޑިންގ އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ވާހަކަދައްކަވަމުން އުޒްމާ އަބްދުއް ލަތީފް ވިދާޅުވީ، މައިގަނޑު ގޮތެއްގައި މިވަގުތު ހަމަޖެހިފައި ވަނީ 3 ފޯރަމްއެއް ބޭއްވުމަށްކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ މައި އިންވެސްޓްމަންޓް ފޯރަމްއެވެ. މި ފޯރަމްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

އުޒްމާ ވިދާޅުވީ، މި ފޯރަމްގެ ތެރެއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދާނެކަމަށެވެ. މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަންނަވާނީ ރާއްޖޭގެ 4 ކެބިނެޓް މިނިސްޓަރުންނެވެ.

މައިގަނޑުގޮތެއްގައި އެބޭފުޅުން ވާހަކަފުޅުން ދައްކަވާނީ ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލާ ގުޅޭ އެކިއެކި މަޢުލޫމާތާ ބެހޭގޮތުންކަމަށް އުޒްމާ ވިދާޅުވިއެވެ. އޭގެތެރޭގައި ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލުގައި މިވަގުތު ހުރި ފުރުސަތުތަކާއި އަލަށް ތައާރަފްކުރެވޭނެ ފުރުސަތުތަކާއި ގުޅޭ ވާހަކަތަކާއި، އިންވެސްޓްކުރުމުގައި ރާއްޖެއަށް ހުރި ދަތިތަކާއި ގޮންޖެހުންތަކާއި މިގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި އެކުލަވާލައްވާ ސިޔާސަތުތަކުގެ ވާހަކަތައް ހިއްސާކުރައްވާނެކަމަށް އުޒްމާ ވިދާޅުވިއެވެ.

މި ފޯރަމް ކުރިއަށްދާނީ އޯޑިއަންސްއަށް ޕެނަލްގައި ހިމެނޭ މިނިސްޓަރުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން ވަރަށް އިންޓަރެކްޓިކް ގޮތަކަށްކަމަށް އުޒްމާ ފާހަގަކުރެއްވިއެވެ.

"އެންމެ ފުރަތަމަ ބާއްވާނީ އަޅުގަނޑުމެންގެ މައި އިންވެސްޓްމަންޓް ފޯރަމް. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 26ވަނަ ދުވަހު. އޮކްޓޯބަރ 26ގައި ބާއްވާ މެއިން އިންވެސްޓްމަންޓް ފޯރަމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ފޯރަމްއެއް. 192 ގައުމުން ބައިވެރިވާ މި ފޯރަމަށް ޚާއްސަކުރެވިގެން ކޮންމެ ގައުމަކަށްވެސް ކަނޑައެޅިފައި އެބައިނދޭ ޝަރަފްވެރި ދުވަހެއްގެ ގޮތުގައި ނޭޝަނަލް ޑޭއެއް ފާހަގަކުރުމުގެ ފުރުސަތު. މިގޮތުން އަޅުގަނޑުމެންނަށް އޮނަރ ޑޭއެއްގެ ގޮތުގައި ލިބިފައި މިވަނީ 26 އޮކްޓޯބަރ. މިދުވަހާ ދިމާކޮށްފައި އަޅުގަނޑުމެންގެ މެއިން އިންވެސްޓްމަންޓް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ. " އުޒްމާ ވިދާޅުވިއެވެ.

މައި އިންވެސްޓްމަންޓް ފޯރަމްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ފޯރަމްއެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އުޒްމާ ވިދާޅުވިއެވެ. މި ފޯރަމްގައި މައުލޫމާތު ހިއްސާކުރާނީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭގޮތުންނެވެ.

"ޓޫރިޒަމަށް ޚާއްސަކުރެވިގެންވެސް އަޅުގަނޑުމެން ފޯރަމްއެއް ރާވާފައި މިވަނީ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިމިވަނީ 12 ޖަނަވަރީގައި. މި ފޯރަމްގައިވެސް ޓޫރިޒަމް މިނިސްޓަރ އަދި ކެބިނެޓްގެ އެހެން މިނިސްޓަރުންނާއި އިންވެސްޓަރުންނާއި، ކޯޕަރޭޓް ލީޑަރުންނާއި ބައިވެރިވެވަޑައިގަންނަވާނެ." އުޒްމާ ވިދާޅުވިއެވެ.

3 ވަނަ ފޯރަމްއެއްގެ ގޮތުން ކުރިއަށްދާނީ ރިއަލްއެސްޓޭޓްގެ ދާއިރާއަށް ޚާއްސަކޮށްގެން އެޗްޑީސީން އިސްނަގައިގެން ކުރިއަށްގެންދާ ފޯރަމެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 24ވަނަ ދުވަހުއެވެ.