ޚަބަރު

މޫސުން ގޯސް: ހއ.އަތޮޅުން ލ.އަތޮޅަށް ޔެލޯ އެލަރޓް ނެރެފި

ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އެ ސަރަޙައްދަށް ޔެލޯ އެލާރޓް ނެރެފިއެވެ. މި ސަރަޙައްދުގެ ރަށްތަކަށް ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 7:30 އިން 11:30 އަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާއރާއިން ވިދާޅުވީ މި ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ކަނޑުތައް ގަދަވެ އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސޫމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިދުވަސްވަރު ބޯކޮށް ވާރޭ އަންނަނީ ވެހެމުންނެވެ. މިގޮތުން ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާލާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ.ގާފަރަށެވެ. މިގޮތުން އެރަށަށް 25 މިލިމީޓަރަށް ވާރޭ ވަނީ ވެހިފައެވެ. ދެން އެންމެ ގިނައިން ވާރޭވެހިފައިވާނީ އދ.މާމިގިއްޔަށެވެ. އެރަށަށް 23.5 މިލިމީޓަރުގެ ވާރޭ ވެހުނުއިރު ހއ.ކެލައަށް ވަނީ 22.8 މިލިމީޓަރުގެ ވާރޭވހިފައެވެ. މީގެ އިިތުރުން ހދ.ހަނިމާދޫއަށް ވަނީ 21.7 މިލިމީޓަރުގެ ވާރޭވެހިފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވައި ގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ދިމާވެދޭނެ ގެއްލުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅައިގެން ތިބުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.