ޚަބަރު

އާގުބޯޓު އުރުނު މައްސަލައިގެ ސާރވޭ ނިމިއްޖެ، ޖަވާބުދާރީވާން ފުރުޞަތު ދެނީ


ރަސްފަރި ފަރަށް އާގުބޯޓެއް އުރުނު މައްސަލައިގެ ސާރވޭ ހަދައި ނިމިފައިވާކަމަށާއި، މިމައްސަލާގައި ޖަވާބުދާރީވުމަށް ވަރަށް އަވަހަށް އެބޯޓުގެ ވެރިފަރާތަށް އަންގާނެކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ރަސްފަރި ފަރަށް އާގުބޯޓު އުރުނީ މިދިޔަ އޯގަސްޓްމަހުގެ 19ގައެވެ. އަދި އެބޯޓް ފުންކުރީ އެމަހުގެ 29ގައެވެ.

އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، ދަތުރުކުރަމުންދަނިކޮށް މާލެ އަތޮޅު ރަސްފަރި ފަރަށް އަރާފައިވާ އާގު ބޯޓަކީ، ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެކެވެ. މި ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނެއްގެ ހޫނުމިން މާބޮޑަށް މަތިވެގެން، އިންޖީނު ނިއްވާލުމުގެ ސަބަބުން ބޯޓު ބީހިގެންކަމަށް ކަމާބެހޭ އިދާރަތަކުން ހާމަކޮށްފައިވެއެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ އާގުބޯޓު ރަސްފަރިފަރަށް އުރުނު މައްސަލާގައި ހަދަންޖެހޭ ސާރވޭ މިހާރު ހަދައި ނިމި، އެ ބޯޓު ޖޫރިމަނާކުރާނެ ޢަދަދުތައް ތައްޔާރުކުރަމުން އަންނަކަމަށެވެ. އަދިމިހާތަނަށް އެއްވެސް ޖޫރިމަނާއެއް ދައްކަން އަންގާފައިނުވާނެކަމަށާ، ނަމަވެސް ފަރަށް މިފަދަ ބޯޓެއް އަރައިފިނަމަ ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު މިންވަރަކީ 100 މިލިޔަން ރުފިޔާކަމަށްވުމުން، އެޢަދަދަށް ޑިޕޮސިޓް ފައިސާ ދައްކައިފިނަމަ ފުރޭނެކަން ބޯޓަށް ކުރިން އަންގާފައިވާކަން ނަޢީމް ފާހަގަކުރެއްވިއެވެ. ނަޢީމް ވިދާޅުވީ، އެބޯޓާ މެދު އަޅާ ފިޔަވަޅު ވަރަށް އަވަހަށް ޢާންމުކުރައްވާނެކަމަށެވެ.

އީޕިއޭއިން ވިދާޅުވީ، ރަސްފަރި ފަރަށް ބޯޓު އުރުމުގެ ސަބަބުން އެ ސަރަހައްދުގެ ފަރަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވެފައިވާކަމަށެވެ. އަދި މިހާރު ހަދާ ނިމިފައިވާ ސާރވޭ ދައްކާގޮތުން ފަރުގެ ބައްޓަމާއި އެ ސަރަހައްދުގެ ދިރުންތަކަށްވެސް ގެއްލުންވެފައިވާކަމަށް އީޕީއޭއިން ވިދާޅުވެއެވެ. ނައީމް ވިދާޅުވީ، ޖޫރިމަނާގެ ޢަދަދުތައް ހަދައިނިމުނުހާ އަވަހަށް އެބޯޓަށް މި މައްސަލާގައި ޖަވާބުދާރިވުމަށްވެސް ފުރުޞަތުދޭނެކަމަށެވެ.

ބޯޓު ފަރަށް އެރުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ މިބޯޓު ފަރަށް އެރުމުން އެކަމުގެ ރިޕޯޓް ލިބިފައިވަނީ ބޯޓުން ނޫންކަމަށާއި، އާއްމު ފަރާތަކުންކަމަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ރަސްފަރި ފަރު ސަލާމަތްކުރުމަށް ބޯޓުގެ ކެޕްޓަންގެ އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށެވެ. އަދި މިހާދިސާ ހިނގުމުން އަންގަންޖެހޭ ފަރާތްތަކަށް ކެޕްޓަން އަންގާފައިނުވާކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވެފައިވެއެވެ.