އެމެރިކާގެ ނިޔު ޔޯކް ސިޓީގައި ކުރިޔަށްދާ ޢާއްމު މަޖިލީހުގެ ބައްދަލުވުމުގައި މިޔަންމާއިން ތަޤްރީރުނުކުރާނެކަމަށް އދން ބުނެފިއެވެ.
ޢާއްމު މަޖިލީހުގެ ބައްދަލުވުމުގައި މިޔަންމާއިން ތަޤްރީރުނުކުރުމަށް ނިންމީ އެ ޤައުމުން އދއަށް ކަނޑައަޅާފައިވާ ސަފީރާމެދު ޚިޔާލު ތަފާތުވުމުންނެވެ، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ ސަރުކާރު ވައްޓާލައި އެ ޤައުމުގައި އަސްކަރީވެރިކަމެއް ޤާއިމުކުރި ނަމަވެސް އދގައި ހުންނަވައި ސަފީރު ބަދަލުކުރެވިފައެއް ނުވެއެވެ. އެ ގޮތުން އެ މަޤާމުގައި އަދިވެސް ހުންނެވީ މިޔަންމާގެ ކުރީގެ އެންމެ އިސްވެރިޔާ އާން ސަން ސޫ ކީ ޢައްޔަންކުރެއްވި ބޭފުޅާއެވެ. އަދި ޢާއްމު މަޖިލީހުގެ ބައްދަލުވުމުގައި މިޔަންމާގެ ފަރާތުން ތަޤްރީރުކުރުމަށްވެސް ހަމަޖެހިފައިވަނީ ސޫ ކީ ޢައްޔަންކުރެއްވި ބޭފުޅާއެވެ.
މިޔަންމާއިން އދއަށް ކަނޑައަޅާފައިވާ ސަފީރާމެދު ޚިޔާލު ތަފާތުވުމުން އެމެރިކާއާއި ރަޝިޔާއާއި ޗައިނާއިންވަނީ މަޝްވަރާކޮށްފައެވެ. އެ ގޮތުން އެ ޤައުމުތަކުން ނިންމީ ރަޝިޔާއާއި ޗައިނާއިން ބޭނުންވިގޮތަށް މިޔަންމާއިން ޢާއްމު މަޖިލީހުގައ ތަޤްރީރުނުކުރުމަށްވެސްވަނީ ނިންމައިފައެވެ. އެ ގޮތަށް ނިންމާފައިވަނީ މިޔަންމާއިން އދއަށް އައު ސަފީރެއް ކަނޑައެޅުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެއީ މިހާރުން މިހާރަށް ކުރެވޭނެކަމެއް ނޫނެވެ.
އަފްޣާޏިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމަށްފަހު އެ ޖަމާޢަތުންވަނީ ޢާއްމު މަޖިލީހުގެ ބައްދަލުވުމުގައި ތަޤްރީރުކުރުމަށް އެދިފައެވެ. ނަމަވެސް އަފްޣާނިސްތާނަށްވެސް ސަފީރުގެ މައްސަލަވަނީ ކުރިމަތިވެފައެވެ. އެ ގޮތުން އަފްޣާނިސްތާނުންވަނީ އދއަށް ކަނޑައަޅައި ސަފީރުގެ މަޤާމަށް އެ ޖަމާޢަތުގެ ތަރުޖަމާން ސުހައިލް ޝާހީން ހަމަޖެއްސުމަށް އެދިފައެވެ. އދގައި އަފްޣާނިސްތާން ތަމުޞީލުކުރަނީ އެ ޤައުމުގެ ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ ސަފީރުކަމަށްވާ ޤުލާމު އިސްޙާޤުޒާއީއެވެ. އެހެންކަމުން އދއަށް ކަނޑައަޅާފައިވާ ސަފީރު ބަދަލުކުރުމުގައި ޠާލިބާނުންނަށްވެސްވަނީ ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ.
އދގެ ސެކެޓުރީ ޖެނެރަލުގެ އިދާރާއިން ބުނެފައިވަނީ އަފްޣާނިސްތާނުގެ ސަފީރު ބަދަލުކުރުމުގެ މައްސަލަ މެންބަރު ނުވަ ޤައުމުގެ މައްޗަށް އެކުލެވޭ ކޮމިޓީއަކަށް ފޮނުވައިފައިވާކަމަށެވެ. އެ ކޮމިޓީގައި އެމެރިކާއާއި ރަޝިޔާއާއި ޗައިނާ ހިމެނެއެވެ. ނަމަވެސް ޢާއްމު މަޖިލީހުގެ ޖަލްސާ ނިމުމުގެ ކުރިން އެ މަސައްކަތް ނުނިމޭނެތީ އަފްޣާނިސްތާނުގެ ފަރާތުން ތަޤްރީރުކުރާނީ އިސްޙާޤުޒާއީކަމަށްވަނީ ކަނޑައަޅައިފައެވެ.