ވިޔަފާރި

ސްޕެއިން މާކެޓުގައި ރާއްޖޭ މަޤްބޫލުކަން އިތުރުކުރުމަށް އެޤައުމުގެ މީޑިއާ ޓީމެއް ރާއްޖޭގައި!


ސްޕެއިންގެ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް އެޤައުމުގެ މީޑިއާ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މިއީ ސްޕެއިންގެ މީޑިއާ ޓީމެއް ރާއްޖެ އިޝްތިހާރުކުރުމަށް މިއަހަރު ރާއްޖެ އައި ދެވަނަ ފަހަރެވެ. މި ދަތުރުގައި ވެނިޓީ ފެއާ، ނޭޝަނަލް ޖިއޮގްރެފިކް އަދި ހާޕާސް ބާޒާރުގެ އިތުރުން، ސްޕެއިންގެ މަޝްހޫރު ފަތުރުވެރިންނާއި ގުޅޭ ޕަބްލިކޭޝަން ތަކުން ވަނީ ބައިވެރިވެފައެވެ. އެމްއެމްޕީއާރްސީން މައުލޫމާތު ދިން ގޮތުގައި، މީގެ ސަބަބުން ސްޕެއިން މާކެޓުގައި އެތަށް ހާސް ބަޔަކަށް ރާއްޖެއާއި ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދެވިގެން ދާނެއެވެ.

މިޓީމު ރާއްޖޭގައި ހަރަކާތްތެރިވާނީ މިމަހުގެ 24އިން 29އަށެވެ. އެގޮތުން މިދުވަސް ތަކުގެ ތެރޭގައި ސިކް ސެންސަސް ލާމު، މާފުށިވަރު، އަދި ހުވަންފެން ފުށި ރިސޯޓުގައި އެކި ޚިދުމަތްތަށް ތަޖުރިބާ ކުރާނެއެވެ. މީގެ ތެރޭގައި ސްނޯކްލިން އާއި ސްޕާ ތަކާއި، އަދި ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގޭ އެކި ވޯޓާ ސްޕޯޓް ކުޅިވަރުތަށް މިޓީމުން ތަޖުރިބާ ކުރާނެއެވެ. އަދި މީގެ އިތުރުން ފަތުރުވެރިކަމުގެ އެކި ޕްރޮޑަކްޓުތަށް ތަޖުރިބާކޮށް ރާއްޖެއަށް ޙާއްސަ ކަންކަން ވެސް މިޓީމުން ތަޖުރިބާ ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

ސްޕެއިން މާކެޓުގައި ރާއްޖެ އިސްތިހާރު ކުރުމަށް މީޑީއާ ޓީމުތަށް ގެނައުމުގެ އިތުރަށް، އެމްއެމްޕީއާރްސީން ދަނީ ތަފާތު އެކި އިވެންޓުތަކުގައި ވެސް ބައިވެރިވަމުންނެވެ. މިމާކެޓަކީ ކޯވިޑް ހާލަތަށް ފަހު މިހާރު 7 ވަނައަށް މާކެޓް ޝެއާ އޮތް މާކެޓެވެ. އެހެން ކަމުން އެމްއެމްޕީއާރްސީން ދަނީ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރު ކުރުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ.

އެގޮތުން، މީޑިއާ ޓީމުތަށް މެދުވެރިކޮށް ކޯވިޑް ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްދާ ގޮތާއި، އަދި ރާއްޖެ ރައްކާތެރި މަންޒިލެއް ގޮތުގައި އިޝްތިހާރު ކުރާނެއެވެ. އަދި ރާއްޖޭގެ ގެސްޓު ހައުސްތަކާއި، ރިސޯޓު، ހޮޓެލް އަދި ލިވަބޯޑުގެ ތަޖުރިބާތަށް އެފަރާތްތަކުން ހިއްސާ ކުރާނެވެ.

މިމަހުގެ މެދާ ހަމައަށް އައިއިރު، ރާއްޖެއަށް 817،000އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މީގެ ތެރެއިން 24،000އަށް ވުރެ ގިނަ ފަތުރުވެރިންނަކީ މިމާކެޓުން އައިސްފައިވާ ފަތުރުވެރިންނެވެ.