ވިޔަފާރި

އިންޑިއާގެ އެންމެ ބޮޑު ވާޗުއަލް ޓްރެވެލް ފެއާގައި ރާއްޖެ އިސްތިހާރުކޮށްފި


އިންޑިއާގެ އެންމެ ބޮޑު ވާޗުއަލް ޓްރެވެލް އަދި ޓްރޭޑް ފެއާ، ސަތޭ ޖެން-އެކްސްގައި އެމްއެމްޕީއާރްސީން ރާއްޖެ އިސްތިހާރުކޮށްފިއެވެ.

މިމަހުގެ 20 އިން 21 އަށް ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިފެއާގައި 6100 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މިފެއާގެ ތެރެއިން 600 ފަރާތަކުން ރާއްޖޭގެ ސްޓޭނޑަށް ޒިޔާރަތް ކޮށްފައިވާ ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވިއެވެ. އަދި މީގެ ތެރެއިން މުޅިން އަލަށް 100 އަށް ވުރެގިނަ އިންޑިއާގެ ޓްރެވެލް ޓްރޭޑް ޕްރޮފެޝަނަލުން ތަޢާރަފް ވެގެން ދިޔަ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.


އިންޑިއާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ޕްރޮޑަކްޓުތަށް ވަނީ އިސްތިހާރުކޮށްފައެވެ. އެގޮތުން ރިސޯޓުތަކާއި، ގެސްޓުހައުސް، ލިވާބޯޑު، އަދި ހޯޓެލް ތަކާއި ގުޅޭ ގޮތުން ފަތުރުވެރިންނަށް ބޭނުންވާނެ މުހިންމު މައުލޫމާތު ރާއްޖޭގެ ސްޓޭންޑުން ވަނީ ހިއްސާކޮށްފައެވެ.

އަދި މީގެ ސަބަބުން އިންޑިއާއިން ގިނަ މިހާރަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައުމަށް ބުކިން ހެދެމަށް މަގުފަހި ވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ޤަބޫލުކުރެއެވެ.

ސައުތު އޭޝިއަން ޓްރެވެލް އެންޑް ޓްރޭޑް އެގްޒިބިޝަން (ސަތޭ)ގެ މިއަހަރުގެ އެގްޒިބިޝަންގެ ޕެނަލް ޑިސްކަޝަންގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. މި ޕެނަލް ޑިސްކަޝަންގައި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، ރާއްޖެ ފަދަ ޤައުމަކަށް ކޯވިޑްގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީ ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު އެޅިފައިވާ މުހުންމު ފިޔަވަޅުތަކާއި އެކު ރައްކާތެރި ފަތުރެވި މަންޒިލެއްގެ ގޮތުގައި ރާއްޖެ ވެގެން ގޮސްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޑިއާއަކީ ކޯވިޑުގެ ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. އެގޮތުން މިމަކެޓު މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ %22.7 ހިއްސާ ކުރެއެވެ. ރާއްޖެއަށް މިއަހަރު މިހާތަނަށް އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 830،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.