ވިޔަފާރި

"އެކްސްޕޯ 2020"ގައި 40އަށްވުރެ ގިނަ ދިވެހި އުފެއްދުންތެރިން ބައިވެރިވާނެ

ދުބާއީގައި ކުރިއަށްދާ "އެކްސްޕޯ 2020"ގައި 40އަށްވުރެ ގިނަ ދިވެހި އުފެއްދުންތެރިން ބައިވެރިވެފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ކޮންމެ ފަސް އަހަރަކުން އެއްއަހަރު ކުރިއަށް ގެންދާ، ވޯލްޑް އެކްސްޕޯ އަކީ، އެންމެ ގިނަދުވަސްވީ އަދި އެންމެ ބޮޑު ބައިނަލްއަޤްވާމީ އެގްޒިބިޝަންއެވެ. މިއަހަރުގެ މި އެކްސްޕޯ ކުރިއަށްދާނީ ދުބާއީގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަދި ކޮމިޝަނަރ ޖެނެރަލް ފޯދި މޯލްޑިވްސް ސެކްޝަން އޮފް އެކްސްޕޯ 2020 ޔޫސުފް ރިޒާ ވިދާޅުވީ، މިއަހަރުގެ އެކްސްޕޯއަށް ތައްޔާރުވުމުގެ މަސައްކަތް ރާއްޖެއިން ވަރަށް ކުރިން ފަށައިގެން ކުރިއަށްދާކަމަށެވެ. އެގޮތުން މިއަހަރުގެ ރާއްޖެއިން ބައިވެރިވުން އެހެން އަހަރުތަކަށްވުރެ ފުރިހަމަ ވާނެކަމަށެވެ. ދުނިޔޭގެ 191 ޤައުމުން މި އެކްސްޕޯގައި ބައިވެރިވާއިރު މިއީ ރާއްޖެ ޕްރޮމޯޓްކުރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ.

ޔޫސުފް ރިޒާ ވިދާޅުވީ، މި އެކްސްޕޯގައި ރާއްޖޭގެ 40 އަށްވުރެ ގިނަ އުފެއްދުންތެރިން ބައިވެރިވެފައިވާކަމަށެވެ. އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަދިވެސް މި ފުރުސަތު ހުޅުވާލެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މި އެކްސްޕޯގައި އެއްޗެހި ދައްކާލުމުގެ ކޮންފިޑެންސް ހުރެގެން 40 އަށްވުރެ ގިނަ ދިވެހި އުފެއްދުންތެރިން ބައިވެރިވެފައި އެބައޮތް. އަދިވެސް އެ ފުރުސަތު އޮތީ ހުޅުވާލެވިފައި އިނގޭތޯ. ކުރިއަށް މިއޮތް 6 މަސްދުވަސް ތެރޭގައިވެސް އަދި އިތުރަށް ފޮނުވަން ބޭނުންވާ އައު ފަރާތްތަކުންވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އޭގެ ޕޯކަލް ޕޮއިންޓްއަކީ ސަރުކާރުތެރޭގައި. ބިސީސީއާއި ގުޅުއްވައިގެން އޭގަ ބައިވެރިވުމުގެ ފުރުސަތު އޮތް ވާހަކަވެސް ދަންނަވާލަން." ޔޫސުފް ރިޒާ ވިދާޅުވިއެވެ.

އަންނަ މަހުގެ 1ވަނަ ދުވަހު ފަށާ މި އެކްސްޕޯ 6 މަސްދުވަހަށް ދުބާއީގައި ކުރިއަށްދާނެއެވެ. ދިވެހިރާއްޖޭގެ ޕެވިލިއަން ޤާއިމްކުރެވޭނީ، އެކްސްޕޯ 2020 ގެ ތިން ޑިސްރިކްޓްގެ ތެރެއިން ސަސްޓެއިނެބިލިޓީ' މި ޑިސްޓްރިކްޓް ގައެވެ. މި ޕެވިލިއަން މެދުވެރިކޮށް، ދިވެހިރާއްޖޭގެ ސަގާފީ ކުޅިވަރުތަކާއި ދިވެހި ޒުވާނުންގެ ރީތި މިއުޒިކީ ހަރަކާތްތަކާއި ސަގާފީ ނެޝުންތުކާއި ފަންނުވެރިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ.