ވިޔަފާރި

ރާއްޖޭގެ ލަގްޒަރީ ޔޮޓް ޓުއަރިޒަމް، މޮނާކޯ ޔޮޓް ޝޯގައި އިސްތިހާރުކޮށްފި


ރާއްޖޭގެ ލަގްޒަރީ ޔޮޓް ޓުއަރިޒަމަށް އޮތް ފުރުސަތުތައް މޮނާކޯ ޔޮޓް ޝޯވގައި ދައްކާލައިފިއެވެ. މިޝޯވގައި ވިޒިޓް މޯލްޑިވްސްއާއި އިންޑަސްޓްރީ ޕާޓްނަރުން، ވަނީ ބައިވެރިވެފައެވެ.

މޮނާކޯ ޔޮޓް ޝޯވ ކުރިޔަށްދާނީ މިމަހުގެ 22އިން 25އަށެވެ. މޮނާކޯ ޔޮޓް ޝޯވ އަކީ ލަގްޒަރީ ޔޮޓް ގެންގުޅޭ ފަރާތްތަކާއި މިފަދަ ޔޮޓް ވިއްކާ ފަރާތްތަކުގެ އިތުރުން، ލަގްޒަރީ ޔޮޓް ޓުއަރިޒަމަށް ހާއްސަ މަންޒިލްތައް އިސްތިހާރުކޮށް މިސެގްމެންޓާއި ގުޅުން ހުރި ފަރާތްތައް އެއް ތަނަކުން ބައްދަލުކުރުމަށް ބާއްވާ ޝޯވއެކެވެ.

މި ޝޯވގައި ޔޮޓް ޓުއަރިޒަމާއި ލަގްޒަރީ ޔޮޓްތަކާބެހޭ ހާއްސަ ތީމެޓީކް ވޯކްޝޮޕްތަކާއި، ތަޖުރިބާކާރުން ހިމެނޭ ޕެނަލް ޑިސްކަޝަންތައް ކުރިއަށް ދާނެއެވެ. ޔޮޓް ޑިޒައިން ކުރާ ފަރާތްތަކާއި ޔޮޓް އުފައްދާ އަދި ޔޮޓް ވިއްކާ ފަރާތްތައް މި ހަރަކާތްތަކުގައި ބައިވެރިވެއެވެ.

މި ޝޯވއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރޭގައި، ލަގްޒަރީ ޔޮޓް ގެންގުޅޭ ވީއައިޕީ ފަރާތްތަކާއި، ޔޮޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުގެ އިތުރުން ޔޮޓް ޓުއަރިޒަމްގެ ހިދުމަތް ލިބޭ މަންޒިލްތަކުގެ މައުލޫމަތު ހޯދަން ބޭނުންވާ ފަރާތްތައްވެސް ހިމެނެއެވެ.

މި ޝޯވގައި 600 އެގްޒިބިޓަރުން ބައިވެރިވެއެވެ. މިޝޯވއަށް 31،565 މީހުން ޒިޔާރަތްކުރާނެކަމަށް ލަފާކުރެއެވެ. މި އިވެންޓުގެ ތެރެއިން ވިޒިޓް މޯލްޑިވްސްއާއި ރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުން، މީގައި ބައިވެރިވާ ފްރާންސް އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ ލަގްޒަރީ ޔޮޓް ފަތުރުވެރިކަމުގެ ސެގްމެންޓަށް ޝައުގުވެރިވާ ފަރާތްތަކަށް ރާއްޖެއަކީ ޔޮޓް ސެގްމެންޓުގެ ފަތުރުވެރިކަމަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. އަދި މިމަންޒިލަކީ ޔޮޓް ޓުއަރިޒަމް ދާއިރާގެ
ފަރަތްތަކަށް ރައްކާތެރި އަދި އެންމެ މަތީ ފަންތީގެ ހިދުމަތްތަކެއް ދެވޭ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. މިގޮތުން ރާއްޖެ މިޝޯގެ ތެރެއިން އިޝްތިހާރުކުރާނީ ޕްރިންޓް ކުރެވިފައިވާ ބްރޮޝާތަކާއި، ވީޑިއޯ ޒަރިއްޔާއިންނެވެ.

ލަގްޒަރީ ޔޮޓް ސެގްމަންޓަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަރުވަމުން އަންނަ ފަތުވެރިކަމުގެ ސެގްމެންޓެކެވެ. މި ސެގްމެންޓުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، ރާއްޖެއިން މި ސެގްމެންޓުން ލިބެން ހުރި ފުރުސަތުތައް އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ދަނީ މަސައްކަތްކުރަމުންނެވެ.