ޚަބަރު

އެމްއާރުއެމްގެ ޒައީމަކަށް މައުމޫން، ރައީސަކަށް ފާރިސް


މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ 16 މަޤާމަކަށް 72 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއާރުއެމްގެ ޤައުމީ ޖަލްސާގައި 16 މަޤާމަށް ވަނީ ހުޅުވާލާފައެވެ. މިމަޤާމުތަކުގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވުމުން 12 މަޤާމަކަށް މެމްބަރުން ވަނީ ވޯޓަކާއި ނުލައި ވަނީ ހޮވިފައެވެ.

އެމްއާރުއެމްގެ އިންތިޚާބުގައި ވޯޓަކާއި ނުލައި ހޮވުނު މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ޒައީމްގެ މަޤާމަށް ރައީސް މައުމޫން އަދި ރައީސްކަމަށް ފާރިސް މައުމޫން ވަނީ ހޮވިފައެވެ. އަންހެން މެމްބަރުންގެ ތެރެއިން ނާއިބް ރައީސްކަމަށް ޚާއްސަކުރި މަޤާމަށް ނާދިރާ ވަނީ ހޮވިފައެވެ.

މި އިންތިޚާބުގައި ވޯޓަކުން ކަނޑައަޅަންޖެހޭ 4 މަޤާމަކީ ނާއިބް ރައީސް ކަމުގެ މަޤާމާއި، އެގްޒެކެޓިވް ކޮމެޓީގެ ފިރިހެން މެމްބަރުންގެ އިތުރުން ޒުވާނުންގެ ކައުންސިލަށް އަންހެނުންގެ ތެރެއިންނާއި، ފިރިހެނުންގެ ތެރެއިން އިންތިޚާބު ކުރަންޖޭ މެމްބަރުން އިންތިޚާބު ކުރުމެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ގައެވެ. އަދި އެޕާޓީގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ ޤައުމީ ޖަލްސާއެއް ބޭއްވެންދެންނެވެ. އެމްއާރުއެމް އިން ބުނީ ކޯވިޑާއި ގުޅިގެން އެޕާޓީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ލަސްތަކެއްވެފައިވާކަމަށެވެ.

ނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތުމުން ޤައުމީ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދޭ މުއްދަތު ހަމަވެފައިނުވާކަމަށެވެ. އެމްއާރުއެމް އިން ބުނީ އެޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީން ޤައުމީ ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.