ދުނިޔޭގެ ވިޔަފާރި

ބަނގުރޫޓްވުމުން އަރައިގަނެ، ދެކުނު އެފްރިކާގެ ޤައުމީ އެއަރލައިންގެ އުދުހުންތައް ފަށައިފި


ބަނގުރޫޓްވުމުން އަރައިގަނެ މިދިޔަ އަހަރުގެ މާޗްމަހަށްފަހު ދެކުނު އެފްރިކާގެ ޤައުމީ އެއަރލައިން ސައުތް އެފްރިކަން އެއަރވޭސް (އެސްއެސްއޭ) އިން ފުރަތަމަ ފަހަރަށް އުދުހުންތައް ފަށައިފިއެވެ.

މިގޮތުން ޖޮހަނަސްބާރގުން ކޭޕް ޓައުން އަށް ބުރާސްފަތި ދުވަހު އެސްއެސްއޭ އިން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހޫނު މަރުޙަބާއެއްވެސް ކިޔާފައެވެ.

އިތިއޮޕިއާ އެއަރލައިން ފިޔަވައި އެފްރިކާގެ ދެވަނައަށް އެންމެބޮޑު އެއަރލައިންކަމަށްވާ އެސްއެސްއޭ އިންވަނީ ސަރުކާރުގެ އެހީއާއެކު ގިނަދުވަސްތަކެއް ވަންދެން އުދުހުންތައް އޮޕަރޭޓްކޮށްފައެވެ. މީގެއިތުރުން އެއަރލައިންގެ ދަރަނި އަދާކުރުމަށް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ޢަދަދަކަށް ސަރުކާރުން އެހީވުމުންވެސް އެސްއެސްއޭއަށް ބަގުރޫޓްވުމުން އަރައިގަނެވުނީ 100 އަށްވުރެ ގިނަ ވަޒީފާ މަދުކޮށްގެންނެވެ.

ބުރާސްފަތި ދުވަހު ފެށި އެތެރޭގެ އުދުހުންތަކުގެ އިތުރުން އަންނަ ހަފްތާގައި އަކްރާ، ކިންޝާސާ، ލުސާކާ، ހުރާރޭ އަދި މަޕޫޓޯއަށް ސަރަޙައްދީ ދަތުރުތައް ފެށުމަށް އެސްއެސްއޭ އިން ވަނީ ނިންމާފައެވެ. ނަމަވެސް މީގެކުރިން 46 ބޯޓު ދުއްވި މި އެއަރލައިނުން މިހާރު ދުއްވަނީ 6 ބޯޓެވެ.

އެސްއެސްއޭއާ ގުޅޭ މައްސަލަތަކެއް ބެލިބެލުމުން 30 މިލިއަން އެމެރިކާ ޑޮލަރުގެ ހިޔާނާތެއް އެކުންފުނީގެ ތެރޭގައި ވަނީ ހިންގާފައެވެ.