ޚަބަރު

ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ނިޔާވެއްޖެ


ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 230އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވީ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑްއަށް ފަރުވާދެމުންދިޔަ 46 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އެއިދާރާއިން ވިދާޅުވީ މި މީހާ ނިޔާވެފައިވަނީ ރޭ މެންދަރު 3:02 ހާއިރުކަމަށެވެ. ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިއާއެކު 230އަށް އަރާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 211 ދިވެހިންނާއި 19 ބިދޭސީންނެވެ.

މިބަލީގައި މިދިޔަ ހުކުރުދުވަހުވެސް ވަނީ މީހަކު ނިޔާވެފައެވެ. ރާއްޖޭގައި މިބަލީގައި 200އަށް ވުރެ ގިނަ މީހުން ނިޔާވެފައިވާއިރު މިބަލީގައި ގިނަ މީހުން ނިޔާވެފައިވާކަމަށް ރިކޯޑުކުރެވިފައިވަނީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ. އެގޮތުން އެމަހު އެކަނިވަނީ 80އަށްވުރެ ގިނަ މީހުން ނިޔާވެފައެވެ.

ކޯވިޑްގެ ޙާލަތު ރާއްޖޭގައި ކޮންޓްރޯލްވެފައިވީނަމަވެސް ބަލީގެ ނުރައްކާ އަދިވެސް އެއްކޮށް ކުޑަނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ. ބަލީގައި ބޮޑުވަރުވާ މީހުންގެ ޢަދަދު މަދުކުރުމަށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ. ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިންއަށް ޝަރުތުހަމަވާ ތިންލައްކަ ތިރީސް ތިންހާހަށްވުރެ ގިނަ މީހުން މިހާރުވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.