ކުޅިވަރު

ވިއެޓްނާމުން ރާއްޖެ ތަފާތު ބޮޑުކޮށް ބަލިކޮށްފި


އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވިއެޓްނާމުން ރާއްޖެއާއި ވާދަކޮށް ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ. ބޮޑު ތަފާތުން ވިއެޓްނާމުން މޮޅު ވެފައިވާއިރު، އެގައުމުން ވަނީ ރާއްޖެގެ ގައުމީ އަންހެން ޓީމް ކޮޅަށް 16 ލަނޑު ޖަހާފައެވެ. މިއީ ގައުމީ އަންހެން ޓީމް ކޮޅަށް އެންމެ ގިނަ ލަނޑު ޖެހި ދެވަނަ މެޗްއެވެ. 2004ވަނަ އަހަރުގެ އާސިއާންގެ މުބާރާތުގައި މިޔަންމާއިން ވަނީ އަންހެން ޓީމް ކޮޅަށް 17 ލަނޑު ޖަހާފައެވެ.

ތަޖިކިސްތާންގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމަށް ގައުމީ އަންހެން ޓީމް ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް މިފަހަރު މިޓީމުގައި ގިނައީ ޒުވާން ކުޅުންތެރިންނެވެ. ގައުމީ އަންހެން ޓީމް ވިއެޓްނާމް އަތުން ބަލިވިނަމަވެސް، އެޓީމަކީ އަންހެން ފުޓްބޯޅައިގައި ވަރުގަދަ ބާރެކެވެ. ރޭގެ މެޗްގައި ވިއެޓްނާމުން ރާއްޖެ ކޮޅަށް 16 ލަނޑު ޖަހާފައިވާއިރު، މެޗުގެ ފުރަތަމަ ހާފްގައި ވަނީ 5 ލަނޑު ޖަހާފައެވެ. އަދި ދެވަނަ ހާފްގައި އެޓީމްއިން ވަނީ ރާއްޖެކޮޅަށް 11 ގޯލް ޖަހާފައެވެ. ވިއެޓްނާމްގެ ހަމް ހައި ޔެންވަނީ މެޗްގައި 6 ގޯލް ޖަހައިގެން ދެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗަކީ ވިއެޓްނާމްގެ އަންހެން ފުޓްބޯޅަ ތާރީހުގައި އެ ޓީމުން އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗެވެ. ރާއްޖެއިން މި ފަހަރު އޭޝިއަން ކަޕް ކޮލިފައިންގައި މި ވާދަކުރަނީ އެގާރަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. ކޯވިޑާއި ގުޅިގެން އަންހެން ޓީމުގެ ފަރިތަކުރުންތަކަށް ހިޔަނި އެޅިފައިވާއިރު، އެޓީމުން އެންމެ ފަހުން ވާދަވެރި މެޗެއް ކުޅެފައިވަނީ 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ އޭޝިއަން ގޭމްސްގައެވެ. ކޮލިފައިން މެޗުތައް ތިން ޓީމުގެ މެދުގައި ކުރިއަށްދާއިރު، ރާއްޖެއިން ދެ ވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު ތަޖިކިސްތާނާ ބައްދަލުކުރާނެއެވެ. ކޮންމެ ގްރޫޕަކުން ވެސް ކޮލިފައިވާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ.