ކުޅިވަރު

ދިވެހި ޕްރިމިއާ ލީގުގެ އިސް މީހަކަށް ޝާހު


ދިވެހި ޕްރިމިއާ ލީގުގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޓަރއެއްގެ މަގާމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާޢީލް (ސާޔާ) ހަމަޖައްސައިފިއެވެ. ޝާހު މިމަޤާމަށް ހަމަޖައްސާފައިވާއިރު، ޝާހު ވަނީ އެފްއޭއެމްގެ ގިނަ މަގާމްތަކެއް އަދާކޮށްފައެވެ. އެގޮތުން ޝާޙުވަނީ އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ އާއި ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކޮށްފައެވެ.

ގިނަ އަހަރުތަކެއް ވަންދެން ފުޓްބޯޅައިގެ މަސައްކަތުގައި ދުރުގައި އުޅުމަަށްފަހު ޝާހު އެފްއޭއެމާއި ގުޅިފައިވާއިރު، މުޅި ރާއްޖެއަށް ޕްރިމިއަރ ލީގު ފުޅާކުރުމަށް އެފްއޭއެމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއިދާރާއިންވަނީ 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު އާ ފޯމެޓް ތައާރަފްކޮށްފައެވެ. މިއާ ފޯމެޓް އެފްއޭއެމުން ހަދާފައިވަނީ ރާއްޖޭގެ ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ފުޓްބޯޅައިގެ ތަޖްރިބާކާރުގެ އެހީ ހޯދައިގެންނެވެ. ޝާހުގެ މަސައްކަތަކަށް ވާނީ ޕްރިމިއަރ ލީގުގެ އެޑްމިން މަސައްކަތްތައް އިސްކޮށް ހުރެ ކުރުމެވެ. ގިނަ ދުވަސްތަކަށްފަހު ޝާހުއަށް ފުޓްބޯޅައިގެ މަސައްކަތްތަކެއް ކުރުމަށް ފުރުސަތު ލިބުމާއެކު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ޝާހު ބުނެފައިވަނީ ރާއްޖޭގެ ފުޓްބޯޅަ އަށް ޚިދުމަތްކުރަން ލިބޭ މި ފަދަ ފުރުސަތުތައް އުފަލާއެކީ ބަލައިގަންނަ ކަމަށެވެ.

2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު އާ ފޯމެޓްގެ ކޮންސަލްޓަންޓެއްގެ ގޮތުން މަސައްކަތްކޮށްފައި ވަނީ ތަޖްރިބާކާރު ކޯޗު މުޙައްމަދު އާދަމްއެވެ. އެފްއޭއެމުން އަލަށް ތައާރަފް ކުރި އާ ފޯމެޓްގައިވާގޮތުން މުޅި ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެން، އެކި ޑިވިޝަންތަކަށް ބަހާލެވި، 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅޭނީ މުޅި ރާއްޖެ ހިމެނޭގޮތަށެވެ.

ލީގުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތާ ހަވާލުވި ޝާހު ވަނީ އެފްއޭއެމް ފައުންޑޭޝަންގެ އެމްބަސަޑަރަކަށް ވެސް މިދިޔަ އަހަރު ހަމަޖައްސާފައެވެ. ދާދި ފަހުން ގައުމީ ފުޓްބޯޅަ ޓީމަށް ބޭއްވި ބައްދަލުވުމެއްގައި ވެސް ޝާހު ވަނީ ބައިވެރިވެފައެވެ.