ޚަބަރު

މިއީ އެމްޑީޕީގެ ޙަޔާތުގައި ބާއްވާ އެންމެ ވާދަވެރި އިންތިޚާބު - ހަސަން


ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަކީ މިހާތަނަށް އެޕާޓީން ބާއްވާ އެންމެ ވާދަވެރި އިންތިޚާބަށް ވެގެންދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިންތިޚާބުގެ މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، މިއިންތިޚާބުގެ ކަންކަން އަމާންކަމާއި އޮމާންކަމާއިއެކު ގެންދިއުމަށް އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށެވެ. މި އިންތިޚާބަކީ ވާދަވެރި އިންތިޚާބަކަށްވާއިރު، އިންތިޚާބު ކުރެވޭ މެމްބަރުންނަކީ އެމްޑީޕީގެ ހިންގުމުގެ އެންމެ އިސް ދައުރާއި ހަވާލުވާ މެމްބަރުންކަމަށް އޭނާ ވިދާޅުވިއެވެ.

މި އިންތިޚާބުގެ އިންތިޒާމުތަކާއި ގުޅިގެން އިންތިޒާމު ކޮމެޓީގެ މެމްބަރު އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ 3 ރަށެއް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގެވެސް ސްކޫލުގައި ކަމަށެވެ. މާލެ ސަރަހައްދުގައި ވޯޓުލުން ކުރިއަށްދާނީ 15 ސްކޫލެއްގެ އިތުރުން ޒުވާނުންގެ މަރުކަޒުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންތިޚާބުގައި މޮނީޓަރިންގެ ޙާލަތާއި، ގުޅިގެން ހޮނިހިރު ދުވަހު ވޯޓުނުލަނީ ތ.ގުރައިދޫ ދާއިރާގައި އެކަންޏެވެ. އެދާއިރާގެ އިންތިހާބު ބާއްވާނެ ތާރީހު ފަހުން އިއުލާން ކުރާނެކަމަށް އިންތިޒާމު ކޮމެޓީގެ މެމްބަރު އަހުމަދު ވިދާޅުވިއެވެ. މި އިންތިޚާބުގެ ވޯޓުލާ ދުވަހު ޝަކުވާ ހުށަހެޅުމަށް 3 ފޯނު ނަންބަރެއް ޚާއްސަ ކުރެވިގެން ދާނެކަމަށްވެސް އަހުމަދު ވިދާޅުވިއެވެ. ވޯޓުލުމަށް ބޭނުންވާ ވޯޓު ފޮށިތައް ދައިރާތަކަށް ފޮނުވުމުގެ މަސައްކަތް އެޕަޓީން ދަނީ ކުރަމުންނެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 733 ކެނޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ ވޯޓަކާއި ނުލައި އިންތިޚާބު ވެފައެވެ. މި އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.