ޚަބަރު

މަޣްރިބުގެ އުޅަނދުތަކަށް އަލްޖަޒާއިރުގެ ވައިގެ ސަރަޙައްދު ބަންދުކޮށްފި


މަޣްރިބުގެ އުޅަނދުތަކަށް އަލްޖަޒާއިރުގެ ވައިގެ ސަރަޙައްދު ބަންދުކުރުމަށް އެ ޤައުމުގެ ސަލާމަތީ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.

އަލްޖަޒާއިރުގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޣްރިބުގެ މަދަނީ އަދި އަސްކަރީ އުޅަނދުތަކަށް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަނުމުގެ ޙުއްދައެއް ނުދޭނެކަމަށެވެ. އަދި އެ ނިންމުމުގެ ދަށުން މަޣްރިބުގައި ދަފުތަރުކޮށްފައިވާ އެއްވެސް އުޅަނދަކަށްވެސް އަލްޖަޒާއިރުގެ ވައިގެ ސަރަޙައްދަށް ވަނުމަށް ޙުއްދަ ނުދޭނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ،

އަލްޖަޒާއިރުގެ ނިންމުމާ ގުޅޭގޮތުން މަޣްރިބުގެ ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މަޣްރިބުގެ ޤައުމީ ވައިގެ ދަތުރުފަތުރާބެހޭ ކުންފުނިން ބުނެފައިވަނީ އަލްޖަޒާއިރުގެ ނިންމުމުގެ ސަބަބުން އަސަރުކުރާނީ ހަފުތާއަކު ކުރަމުންދާ 15 ދަތުރަށްކަމަށެވެ. އެއީ މަޣްރިބުން ތޫނީސިޔާއާއި މިޞްރާއި ތުރުކީވިލާތަށް ކުރަމުންދާ ދަތުރުތަކެއްކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މަޣްރިބުގެ އުޅަނދުތަކަށް އަލްޖަޒާއިރުގެ ވައިގެ ސަރަޙައްދު ބަންދުކުރުމަށް އެ ޤައުމުން ނިންމާފައިވަނީ ޢަދާވާތްތެރި އަމަލުތައް ހިންގަމުންދާކަމަށް ބުނެ މަޣްރިބާއެކު އޮންނަ ޚާރިޖީ ގުޅުންތައް އަލްޖަޒާއިރުން ކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ. މަޣްރިބާއި އަލްޖަޒާއިރާ ދެމެދު އޮންނަ ޚާރިޖީ ގުޅުންތައްވަނީ 1980ގެ އަހަރުތަކުގެ ތެރޭގައިވެސް ކަނޑާލައިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ދެ ޤައުމުގެ ސަރަޙައްދީ ރޮނގުވެސްވަނީ 1994ވަނަ އަހަރުން ފެށިގެން ބަންދުކޮށްފައެވެ.