ޚަބަރު

ރެންސޮމްވެއާ ހަމަލާގެ ސަބަބުން އެޗްއެސްސީ ނަތީޖާ ދޫކުރުން ލަސްކޮށްފި


އިއްޔެ ދިން ރެންސޮމްވެއާ ހަމަލާގެ ސަބަބުން، މި އަހަރުގެ ޖޫން މަހު ބޭއްވި އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރުން ލަސްވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ވިދާޅުވީ އެއްޔެގެ ރެންސޮމްވެއާ ހަމަލާއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވާކަަށާއި އެ އިދާރާގެ އެއްވެސް ސިސްޓަމެއް ހަމަލާގެ ފަހަތުގައިވާ ހެކަރުންގެ އަތްދަށަށް ނުދާކަމަށެވެ. އަދި މުހިއްމު ފައިލުތައް ރައްކާތެރިކަމާއެކު ހުރިކަމުގެ ޔަގީންކަން ޑީޕީއީން ވަނީ ދެއްވާފައެވެ.

މިއަދު އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ދިމާވި މައްސަލައަކާ ގުޅިގެން ސާވާ މެދުވެރިކޮށް ކުރަން ޖެހޭ މަސައްކަތް ވަގުތީގޮތުން ހުއްޓިފައިވާ ކަމަށެވެ. އަދި ސާވާއަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންކަމުން މިއަދު ދޫކުރަން ހަމަޖެހިފައިވާ އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރުން ފަސްކުރެވިފައިވާ ކަމަށް ޑީޕީއީން ވިދާޅުވެއެވެ. އަދި
ސާވާ މައްސަލަ ހައްލުކުރެވުމުން ނަތީޖާ ދޫކުރާނެކަމަށާއި ނަތީޖާ ދޫކުރެވޭނެ ސީދާ ތާރީހެއް ވެސް އެނގޭނީ ސާވާތަކުގެ މައްސަލަ ހައްލުވުމުންކަމަށް ޑީޕީއީން ވިދާޅުވެއެވެ.

މިއަހަރުގެ އެޗްއެސްސީ އިމްތިޙާން 1000އަށްވުރެ ގިނަ ދަރިވަރުންނާއެކު ކުރިއަށްގެންދިޔައީ ޖޫން މަހުގެ 13އިން 17ގެ ނިޔަލަށެވެ. މިއަހަރުގެ އެޗްއެސްސީ އިމްތިޙާނުގައި 1331 ދަރިވަރަކު ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެއިން މި އިމްތިހާންގައި ބައިވެރިވާ 878 ދަރިވަރުންނާއި އަތޮޅުތަކުން ބައިވެރވާ 453 ދަރިވަރުންނެވެ. މިފަހަރުގެ އިމްތިހާން ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ 6 ސެންޓަރަކާއި އަތޮޅުތަކުގެ 33 ސެންޓަރު ހިމެނޭގޮތަށް ޖުމްލަ 39 ސެންޓަރެއްގައެވެ