ޚަބަރު

މަތީ ދަރަޖައިގެ އިނާމާއި ޙާފިޡުކަމުގެ އިނާމު ދެއްވާނީ މިއަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި


މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް، މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާގޮތަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި ދެ އިނާމުދޭން ކުރިން ހަމަޖައްސަވާފައިވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިކަމަށެވެ.

އެހެންނަމަވެސް، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މި އަހަރު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު ގިނަކަމާއެކު، މަތީ ދަރަޖައިގެ އިނާމާއި ޙާފިޡުކަމުގެ އިނާމު، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވުމަށް ނިންމެވީކަމަށެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާނީ ހަމައެކަނި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުކަމަށް ރައީސް އޮފީހުން މައުލޫމާތުދެއްވިއެވެ.