ދުނިޔޭގެ ވިޔަފާރި

"ޕެސިފިކް ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއަށް ބައިވެރިވެވޭނީ ޝަރުޠުތަކަކާއެކު"


އޭޝިއާ ޕެސިފިކް ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއިން ބައިވެރިވާން ބޭނުންނަމަ ޗައިނާއަށް ޖެހޭނީ އޮސްޓްރޭލިއާގެ ބައެއް ސިޔާސީ ފަރާތްތަކާއެކު ކަނޑާލާފައިވާ ގުޅުމަށް ނިމުމެއް ގެންނަންކަމަށް އޮސްޓްރޭލިއާގެ ވެރިރަށް ކެންބަރާގެ މާލީ ވަޒީރު ޑޭން ޓީހަން ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާއިން މިގޮތަށް ބުނެފައިމިވަނީ އޮސްޓްރޭލިއާގެ ބައެއް އުފެއްދުންތަކުގެ މައްޗަށް އެކިފަހަރުމަތިން ޗައިނާއިން ފިޔަވަޅު އަޅާފައިވުމާއި އޮސްޓްރޭލިއާ ސަރުކާރުގެ ބައެއް ސީނިއަރ ލެވެލް ބޭފުޅުންގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި ބަހުގެ ޙަމަލާތަކެއް ބަދަލުކޮށްފައި އޮއްވައެވެ.

މީގެއިތުރުން މާލީ ވަޒީރު ޑޭން ވިދާޅުވިގޮތުގައި މާލީ ވަޒީރުކަމާ ޙަވާލުވުމަށްފަހު ދެ ޤައުމު މިހާރަށްވުރެ ކައިރިން މަސައްކަތްކުރެވޭނެ އިތުރު ގޮތްތަކަކީ ކޮބައިކަން ޖެނުއަރީމަހު އޭނާ ވާނީ ޗައިނާގެ އޮފިޝަލުންނަށް ސިޓީއަކުން އަންގަވާފައިކަމަށާ، ނަމަވެސް އަދިވެސް އެއަށް ޖަވާބެއް ނުލިބޭކަމަށެވެ.

އަދި އޮސްޓްރޭލިއާއިން ބޭރުކުރާ މުދަލުގެ މައްޗަށް ސިޔާސީގޮތުން އަޅާފައިވާ ފިޔަވަޅުތަކާމެދު ވޯރލްޑް ޓްރޭޑް އޮގަނައިޒޭޝަން އާއިއެކު އޮތް ހިތްހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށްވެސް މާލީ ވަޒީރު އިތުރަށް ވިދާޅުވިއެވެ. ޗައިނާގެ ވިޔަފާރިތައް އެޤައުމު ހިމެނޭ ސަރަޙައްދުގައި ވަރުގަދަކުރުމުގެގޮތުން އޭޝިއާ ސަރަޙައްދުގެ މައިގަނޑު ވިޔަފާރީގެ އެއްބަސްވުންކަމަށްވާ ކޮމްޕްރިހެންސިވް އެންޑް ޕްރޮގްރެސިވް އެގްރީމެންޓް ފޯ ޓްރާންސް ޕެސިފިކް ޕާރޓްނަޝިޕް (ސީޕީޓީޕީޕީ) އެއްބަސްވުމުގައި ބައިވެރިވުމަށް މި ހަފްތާ ކުރީކޮޅު ޗައިނާއިންވަނީ ހުށަހަޅާފައެވެ.

ސީޕީޓީޕީޕީ އެއްބަސްވުމުގައި 2018ވަނަ އަހަރު 11 ޤައުމަކުން ވަނީ ސޮއިކޮށްފައެވެ. އޭގެތެރޭގައި އޮސްޓްރޭލިއާ، ކެނެޑާ، ޗިލީ، ޖަޕާން އަދި ނިއުޒީލޭންޑް ހިމެނެއެވެ. މީގެއިތުރުން މި އެއްބަސްވުމުގައި ބައިވެރިވުމުގެ ގޮތުން އިނގިރޭސިވިލާތުން ޖޫންމަހު ވަނީ ރަސްމީކޮށް މަޝްވަރާތައް ފަށާފައެވެ.