ދުނިޔޭގެ ވިޔަފާރި

ފިލިޕީންސްގައި ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން ޓެކްސްނަގަން ނިންމައިފި

ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ފޭސްބުކް، ގޫގްލް، ޔޫޓިއުބް އަދި ނެޓްފްލިކްސްފަދަ ކުންފުނިތަކުން ވެލިއު އެޑެޑް (ވެޓް) ޓެކްސް ނަގަން ނިންމާފައިވާ ބިލެއް ފިލިޕީންސްގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލުގެ މަޤްޞަދަކީ ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ފިލިޕީންސްގެ ސަރުކާރަށް އެހީވުމުގެގޮތުން 579 އެމެރިކާ ޑޮލަރު ހޯދުމެވެ. އަންގާރަދުވަހު ފާސްކޮށްފައިވާ މި ބިލުގައިވާގޮތުން ކުންފުނިތަކުން ނަގަން ނިންމާފައިވަނީ %12ގެ ޓެކްސްއެކެވެ. މީގެއިތުރުން ފިލިޕީންސްގައި ޤާއިމުކޮށްފައިހުންނަ ޑިޖިޓަލް ޚިދުމަތްދޭ ބޭރުގެ ކުންފުނިތަކުގެ ޕްލެޓްފޯމްތަކުގައި ބަދަލުކުރާ ޓްރާންސްސެކްޝަންތަކުން ޓެކްސް ޖަމާކޮށް އަދި ކެންސަލްކުރަންވެސް މިބިލުގެ ދަށުން ކުންފުނިތަކަށް ޖެހެއެވެ.

މި ބިލުގެ އިތުރުން އޮންލައިންކޮށް ޑިޖިޓަލްގެ ޚިދުމަތްދޭ ކުންފުނިތަކުން ނަގަންޖެހޭގޮތަށް މިދިޔަ އަހަރު ޖުލައި މަހުވެސްވަނީ ބިލެއް ފާސްކޮށްފައެވެ. އަދި މިފަދަ ބިލެއްވަނީ ފިލިޕީންސްގެ ސެނެޓަށްވެސް ފޮނުވާފައެވެ. ސޯޝަލް މިޑިއާ ބޭނުންކުރާ މީހުން ފިލިޕީންސްގައި އިތުރުވެފައިވުމާއިއެކު ފިލިޕީންސްއަކީ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކަށް އޮތް ބޮޑު މާކެޓެކެވެ.

މިކަމާގުޅިގެން ގޫގްލްގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ އެ ކުންފުނި އޮޕަރޭޓްކުރާ ކޮންމެ ޤައުމަކުންވެސް ނަގާ ޓެކްސް އެ ކުންފުނިން ދައްކަމުންދާނެ ކަމަށާއި މީގެތެރޭގައި ފިލިޕީންސްވެސް ހިމެނޭކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޕިލިޕީންސްއިން ފާސްކުރި މި ބިލާއެކު ދެކުނު އިރުމަތީ އޭޝިއާގެ އެހެން ޤައުމުތަކުންވެސް ދަނީ ޢާމްދަނީ އިތުރުކުރުމުގެގޮތުން ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ޓެކްސް ނަގަމުންނެވެ. މިދިޔަ އަހަރު އިންޑޮނޭޝިއާއިންވެސް ވަނީ ވެޓް ޓެކްސްގެގޮތުގައި ވިޔަފާރިތަކުން ޓެކްސްގެގޮތުގައި %10 ނަގަން ފަށާފައެވެ.