ޚަބަރު

ފެނަކައިގެ ކުރީގެ 2 ވެރިއަކަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި


ފެނަކަ ކޯޕަރޭޝަންގެ ބިލިންގ ސޮފްޓްވެއަރގެ މަސައްކަތް ނުނިމެނީސް، ފައިސާ ދޫކޮށްފައިވާ މައްސަލާގައި ދަޢުވާކުރުމަށްޓަކައި، މިމަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވި 2 ވެރިންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސިސީން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި، ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙްޤީޤުން އެނގޭތީ ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ އައި.ސީ.ޓީ ޑިޕާޓްމަންޓާ އޭރު ޙަވާލުވެހުރި އިސްމާޢީލް ޝަމްޢޫން (މ.ފެހިވިދުވަރުގެ / ކ.މާލެ) އާއި އެކުންފުނީގެ ސޭލްސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ވެރިއެއްގެ ހައިޞިއްޔަތުން އޭރު މަސައްކަތްކުރި އަޙްމަދު ނަޖާޙު (ނަންބަރު ރސ 13142 / ކ.މާލެ) ގެ މައްޗަށެވެ.

މިއީ ފެނަކައިން ކަސްޓަމަރުންނަށް ބިލްކުރުމަށްޓަކައި 2017ވަނަ އަހަރުގެ ތެރޭގައި ބިލިންގ ސޮފްޓްވެޔަރއެއް ހެދުމަށް "ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާ ހާވާލުކުރިނަމަވެސް، އެ ހިދުމަތް އަދި މިހާތަނަށް ފެނަކައަށް ލިބިފައިނުވާއިރު، އެ ސޮފްޓްވެޔަރ ނިމުނުކަމަށް ލިޔުން ދޫކޮށް، ފައިސާ ދީފައިވާކަމަށް ބުނާ މައްސަލައެވެ. ޝަމްއޫން އާއި ނަޖާހްގެ މައްޗަށް ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާކުރުމަށެވެ.

ސޮފްޓްވެއާ ނިމުނު ކަމަށް ބެލޭނީ އެ ސޮފްޓްވެއާ ޑިޒައިންކޮށް، ބޭނުން ކުރަން ފެށުމުން ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި އޮތަސް އޮކްޓޯބަރު 15، 2018ގެ ނިޔަލަށް ވެސް އެ މަސައްކަތް ނުނިމޭ ކަމަށް އޭސީސީން ވިދާޅުވެއެވެ.

މަސައްކަތް ނިންމާފައި ނުވަނީސް 2017ވަނަ އަހަރު ނޮވެމްބަރު 6ވަނަ ދުވަހު މަސައްކަތް ނިންމާފައިވާ ކަމަށް ބަޔާންކޮށް، ޝުވެކްއިން ފެނަކައަށް ފޮނުވި ސިޓީގައި ޝަމްއޫނާއި ނަޖާހު ސޮއިކުރައްވާފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ. އަދި ފައިސާ ދޫކޮށްދިނުމަށް އައިސީޓީ ޑިޕާޓްމަންޓުން އެ ކުންފުނީގެ ޓެންޑާ ސެކްޝަނަށް ފޮނުވާފައިވާ އިންޓާނަލް މެމޯގައި ސޮއިކުރެއްވީ ޝަމްއޫން ކަމަށް އޭސީސީން ވިދާޅުވެއެވެ.