ޚަބަރު

ހޯމަ ދުވަހުން ފެށިގެން އެޗްއެސްސީ އިމްތިޙާންގެ ނަތީޖާ ދޫކުރަން ފަށަނީ


މިއަހަރު އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ދޫކުރަން ނިންމައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން ވިދާޅުވީ ހޯމަދުވަހު ނަތިޖާ ދޫކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހު ބޭއްވި އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ޓީޗަރ ބޭސްޑް އެސެސްމަންޓް ހެދި ދަރިވަރުންނަށް އެކަނި ކަމަށެވެ. ޑީޕީއީން ވިދާޅުވީ އަމިއްލަގޮތުން އެޗް.އެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ އަންނަ ހޯމަދުވަހުން ފެށިގެން ޑިޕާޓްމަންޓުގެ ކައުންޓަރުން ހެނދުނު 08:30އިން 13:30އަށް ދޫކުރުމަށް ހެމަޖެހިފައިވާކަމަށެވެ.

އަދި އިމްތިޙާނު ހެދި އެހެން ދަރިވަރުންގެ ތެރެއިން ނަތީޖާ ބޭނުންވާ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރެއް މެދުވެރިކޮށް އެ ޑިޕާޓްމަންޓަށް އެދި ހުޅުހެޅުމުން އެ ދަރިވަރުގެ ނަތީޖާ ސެންޓަރަށް ފޮނުވާނެކަމަށް ޑީޕީއީން ވިދާޅުވެއެވެ. އަދި ޢާންމުކޮށް ސެންޓަރުތަކަށް އެޗް.އެސްސީގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަމަ މަހުގެ 31ގައިކަމަށްވެސް ޑީޕީއީން ވިދާޅުވެއެވެ.

މިއަހަރުގެ އެޗްއެސްސީ އިމްތިޙާން 1000އަށްވުރެ ގިނަ ދަރިވަރުންނާއެކު ކުރިއަށްގެންދިޔައީ ޖޫން މަހުގެ 13އިން 17ގެ ނިޔަލަށެވެ. މިއަހަރުގެ އެޗްއެސްސީ އިމްތިޙާނުގައި 1331 ދަރިވަރަކު ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެއިން މި އިމްތިހާންގައި ބައިވެރިވާ 878 ދަރިވަރުންނާއި އަތޮޅުތަކުން ބައިވެރވާ 453 ދަރިވަރުންނެވެ. މިފަހަރުގެ އިމްތިހާން ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ 6 ސެންޓަރަކާއި އަތޮޅުތަކުގެ 33 ސެންޓަރު ހިމެނޭގޮތަށް ޖުމްލަ 39 ސެންޓަރެއްގައެވެ.